ދުބާއީގެ ލޯ ބަޖެޓް އެއާލައިންއެއް ކަމަށްވާ، ފްލައި ދުބާއީން އަންނަ އޮކްޓޯބަރު މަހުން ފެށިގެން އަނެއްކާވެސް ރާއްޖެއަށް ދަތުރު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެ އެއާލައިނުން ދުބާއި އާއި ރާއްޖެ އާދެމެދު ދަތުރު ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން އެ ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު ހަތަރު ދަތުރު ދުބާއީ އާއި ރާއްޖެއާ ދެމެދުގައި ބާއްވާނެ ކަަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ. މި ދަތުރުތައް އޮންނާނީ އަންގާރަ، ބްރާސްފަތި، ހުކުރު އަދި ހޮނިހިރު ގަައެވެ.

އެ އެއާލައިނުން މިހާރު ދަނީ އިކޮނޮމިކް ކާލްސް އާއި ބިޒްނަސް ކްލާސްގެ ޓިކެޓްތައް ވިއްކަމުންނެވެ.

ދުބާއީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދުގެ ދަތުރަކަށް ހޭދަވާނީ ހަތަރު ގަޑިއިރެވެ.

ފްލައި ދުބާއީން ރާއްޖެއަށް ފުރަތަމަ ދަތުރު ފެށީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ފަހުން ރާއްޖެއަށް ދަތުރުކުރުން ހުއްޓާލާފައި އޮތުމަށްފަހު، 2018 ވަނަ އަހަރު ދަތުރުތައް އަލުން ފެށިއެވެ.

އެ އެއާލާއިނުން އަނެއްކާވެސް ރާއްޖެއަށް ދަތުރު ފަށަން ނިންމާފައި ވަނީ، ފަތުރުވެރިކަމުގެ ސީޒަނާއި ދިމާކޮށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލީ ޖުލައި 15 ވަނަ ދުވަހުއެވެ. ރާއްޖޭގެ ބޯޑަރުތައް ހުޅުވައި، ފަތުރުވެރިކަމުގެ ހިދުމަތް އަލުން ފެށިގެންދިޔައިރު، ފަތުވެރިން ރާއްޖެ ގެނައުމަށް އިދާރާތަކުން ދަނީ ގިނަގުނަ މަސައްކަތަކެއް ކުރަމުންނެވެ.