ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވި ފަހުން އެއް ދުވަހެއްގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ މީހުން އައީ އިއްޔެ ކަމަށް ވެލާނާ އެއާޕޯޓް (ވީއައިއޭ)ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

އެމްއޭސީއެލް އިން މިއަދު ވަނީ އިއްޔެ ވެލާނާ އެއާޕޯޓަށް ޖެއްސި ފްލައިޓްތަކުގެ އަދަދުތަކުގެ މައުލޫމާތު ތަކާއި، ރާއްޖެއަށް އައި މީހުންގެ އަދަދުތައް ހާމަކޮށްފައެވެ.

އެގޮތުން އިއްޔެ ރާއްޖެއަށް އިންޓަނޭޝަނަލް ފްލައިޓްކުން 859 މީހުން ޒިޔާރަތްކޮށްފައި ވެއެވެ. އަދި އޭޑީއެޗްއޯސީ ފްލައިޓްތަކުން ރާއްޖެއަށް އަށް މީހުން އިއްޔެ އައިސްފައި ވެއެވެ.

އެމްއޭސީއެލް އިން ބުނީ، އިއްޔެ ރާއްޖެ އައި މީހުންގެ ޖުމްލަ އަދަދަކީ 867 ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރީ މާރިޗް މަހުގެ 27 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ތިން ވަރަކަށް މަސް ދުވަސްވަންދެން ބޭއްވުމަށް، އަލުން ބޯޑަރު ހުޅުވާލީ ޖުލައި 15 ވަނަ ދުވަހުއެވެ. ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އަދި އިތުރުވާ ގޮތް ވަނީ ނުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ބޯޑަރު ހުޅުވާލި ފަހުން މި މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 13،253 އެވެެ. މިއާއެކު އެ ދުވަހާއި ހަމައަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ 396،100އަށް އަރާފައެވެ.