މާލެ ކައިރިއަށް ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ދެދުވަސް ކުރިން ނިޔާވި ޝައްފާން ރަޝީދުގެ ހަނދާންތައް ދުވަހަކު ވެސް ނެތިގެން ނުދާނެ ކަމަށް ގްރީސްގެ ކުންފުންޏެއް ކަމަށްވާ އަލްކްމީ އިން ބުނެފިއެވެ.

ޝައްފާން އަކީ އަލްކްމީގެ އެމްބެސެޑަރެކެވެ. ގްރީސް ފިޔަވައި އެހެން ގައުމަކަށް ނިސްބަތްވާ މީހަކަށް އަލްކްމީން ދިން ފުރަތަމަ އެމްބެސެޑަރުގެ މަގާމު ލިބުނީ ޝައްފާން އަށެވެ.

ޝައްފާން ނިޔާވުމުން އަލްކްމީން ނެރުނު ބަޔާނެއްގައި ބުނީ ޝައްފާން ވަކިވެގެން ދިއުން އެއީ ގަބޫލުކުރަން ދަތި ހާދިސާއެއް ކަމަށެވެ. "ގެއްލިގެން އެދިޔައީ އެކުގައި މަސައްކަތް ކުރި ބައިވެރިއެކެވެ. ރަހުމަތްތެރިއެކެވެ. އަދި އަހަރެމެން ޓީމްގެ މެންބަރެކެވެ." އަލްކްމީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އަލްކްމީގެ ބަޔާނުގައި ވެސް ވަނީ ޝައްފާން އަކީ ގްރީސް ފިޔަވައި އެހެން ގައުމަކަށް ނިސްބަތްވި އެކުންފުނީގެ ފުރަތަމަ އެމްބެސެޑަރުކަން ފާހަގަ ކޮށްފައެވެ.

"ޝައްފާންގެ މޫނުމަތީގައި އަބަދުވެސް ހިނިތުންވުން ހުންނާނެއެވެ. އޭނާ އަކީ އަބަދުވެސް ކަންކަން ދަސްކުރުމަށާއި މީހުންނަށް އެހީވުމުގައި ނަމޫނާ ދެއްކި ފަޔާފައިޓަރެކެވެ. އަދި މައުލޫމާތު ތަނަވަސް ތަޖުރިބާކާރު ސްޕަހީރޯއެކެވެ." އަލްކްމީން ބުންޏެވެ.

އަލްކްމީން ބުނީ ޝައްފާން ވަކިވެގެން ދިއުމުގެ ހިތާމަ އަބަދުވެސް އެމީހުންނާއި އެކުގައި ވާނެ ކަމަށާއި ނަމަވެސް ދުވަހަކު ޝައްފާންގެ ހަނދާންތައް އެމީހުންނާއި ވަކިވެގެން ނުދާނެ ކަމަށެވެ. "އަހަރެމެންގެ ދުއާ އަކީ ދެން މިފަދަ ބައިވެރިޔަކު އަހަރެމެންނާއި ވަކިވެގެން ނުދިއުމެވެ." އަލްކްމީން ބުންޏެވެ.

https://www.instagram.com/p/CFcQtF4DyQM/

ޝައްފާން ނިޔާވެފައި އޮއްވާ ފެނުނީ ހޯމަ ދުވަހު ހެނދުނު ވެސްޓް ޕާކް ކައިރިއަށް ސްނޯކްލިއަން ދިޔަގޮތައް ހަވީރު ވީއިރުވެސް ޚަބަރެއް ނުވެގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަނިކޮށެވެ. އުމުރުން 24 އަހަރުގެ ޝައްފާން އަކީ ސްނޯކްލިން ކުރާ ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރު މީހެކެވެ. އޭނާ ނިޔާވުމުން ވަރަށް ގިނަ ބަޔަކު ގެންދަނީ މީސް މީޑިއާގައި ހިތާމަފާޅުކޮށް އޭނާ އަށް ހެޔޮ ދުއާ ކުރަމުންނެވެ.