މިދިޔަ ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 16،405 އަށް އަރައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެ އައީ 399،252 ފަތުރުވެރިންނެވެ. އޭގެ ތެރެއިން 16،405 ފަތުރުވެރިންނަކީ ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އެތެރެވި ފަތުރުވެރިންނެވެ.

އެމްއޭސީއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ ތެރޭގައި ރާއްޖެ އައިސްފައި ވަނީ 7،076 ފަތުރުވެރިންނެވެ. ޖުލައި މަހު 2،890 މީހުން ރާއްޖެ އައިއިރު އޮގަސްޓް މަހު 11،186 މީހުން އައިސްފައިވެއެވެ.

ބޯޑަރު އަލުން ހުޅުވާލި ފަހުން، އަންނަ ފްލައިޓުތައް އިތުރުވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހަރަކާތްތައް ފުޅާވެފައިވާ ކަމަށް އެއާޕޯޓު ހިންގަމުން އަންނަ އެމްއޭސީއެލް އިން ވަނީ ހާމަކޮށްފައެވެ.

އެމްއޭސީއެލް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ގިނަވާން ފަށައިފައެވެ.

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޮޑަރު ބަންދު ކުރުމުގެ ސަބަބުން އެއާލައިންތަކުން ވަނީ ދަތުރު ކުރުން މެދުކަނޑާލާފައެވެ. އޭގެ ފަހުން ގިނަ ގައުމުތަކެއްގެ ބޯޑަރު ހުޅުވާލިނަމަވެސް އަދިވެސް ބައެއް އެއާލައިންތަކުން ދަތުރުތައް ފަށާފައެއް ނުވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ހުއްޓިފައި އޮތް ރާއްޖޭގެ ފަތުރުވެރިކަން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އަންނަ މަހުގެ 15 ވަނަ ދުވަހުން އަތޮޅު ތެރޭގެ ގެސްޓްހައުސްތައް ހުޅުވުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.