ބަރުދަން ލުއި ކުރުމަށް ގިނަބަޔަކު މަސައްކަތް ކުރެއެވެ. އެ މަސައްކަތުގައި އެތައް ދުވަހެއް ހޭދަކޮށް ނަތީޖާވެސް ނެރޭ މީހުންނަށް މަދެއް ނޫނެވެ. ކަސްރަތު ކުރުމަށް ނުކުތުމާއި ޖިމަށް ދިއުމާއި ބަލައިގެން ކެއުމަކީ މިއީ ބަރުދަން ލުއި ކުރަން ކުރަމުންދާ މަސައްކަތެވެ.

ބަރުދަން ލުއިކޮށްގެން ތިމާއާއި، ހަށިގަނޑަށް އެތައް ފައިދާއެއް ލިބޭއިރު، މި މަސައްކަތުގައި އުޅޭ ށ.މާއުނގޫދޫ ރައްޔިތުންނަށް އޮތް އުފާވެރި ހަބަރަކީ އެރަށު ބިގް ސޭވް ފިހާރައިން މިހާރު ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެއްގެ ވާހަކައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުން، ބަރުދަން ލުއިވާ ވަރަކަށް ޑިސްކައުންޓް ލިބެމުންދާނެއެވެ.

ބިގް ސޭވްއިން އެއްމަސް ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ މި ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތުދެމުން ބިގް ސޭވްގެ މެނޭޖަރ މުހައްމަދު ސުޖާއު ވިދާޅުވީ، ހިކޭ ކޮންމެ ކިލޯއަކަށް ފަސް އިންސައްތަ ޑިސްކައުންޓެއް އެ ފިހާރައިން ލިބޭނެ ކަމަށެވެ.

"ހިކޭ ކޮންމެ ކިލޯއަކަށް ޑިސްކައުންޓް ލިބޭނެ، މި ފިހާރައިން ފަސް އިންސައްތަ ނޫނަސް ހިކޭވަރަކުން ޑިސްކައުންޓް ލިބޭ އެއް މަސް ދުވަހުގެ ޕްރޮގްރާމެއް މިއީ" ސުޖާއު ވިދާޅުވިއެވެ.

ހާހެއްހާ މީހުން ދިރިއުޅެމުންދާ އެރަށުގެ ރައްޔިތުންނަށް ހާއްސަކޮށް ފެށި މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އެރަށު މީހުންނަށް އެކަންޏެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ބައިވެރިޔަކުވެސް 10 އަހަރުން މަތިވުމަކީ ޝަރުތެކެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ޕްރޮގްރާމުގައި ބައިވެރިވުމުގެ ކުރީން ރެޖިސްޓަރ ވާން ޖެހޭނެއެވެ. އެ ފުރުސަތު މާއުނގޫދޫ މީހުންނަށް މިމަހުގެ ނިޔަލަށް އޮންނާނެއެވެ.

މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު އެއްވަނަ ދުވަހުއެވެ. އަދި 31 އޮކްޓޯބަރުގެ ނިޔަލަށް އެ ޕްރޮގްރާމް ކުރިއަށްދާނެއެވެ.

"މާއުނގޫދޫ ރައްޔިތަކަށް ވާން ޖެހޭނެ، އަދި އުމުރު 10 އަހަރުން މަތީގެ މީހުންނަށް، ރެޖިސްޓަރވުމަށް އޮންލައިންކޮށް ވެބްސައިޓްގައި ފޯމެއް، އެ ފުރާލީމަ ރެޖިސްޓަރ ވެވޭނެ، ރެޖިސްޓަރ ވުމަށްފަހު މި މަހުގެ 30 ގެ ކުރިން ޖެހޭނެ ފިހާރައަށް ދުރުވެ ބަރުދަން ބަލާލަން. އެ ފިހާރައަށް އެ ފަރާތް ދިއުމުން، އަޅުގަނޑުމެން ބަރުދަން ބަލާ، އެންޓާ ކުރާނީ ސިސްޓަމަށް" ސުޖާއު ވިދާޅުވިއެވެ.

Apply: www.bigsave.shopLose weight & get discount program! Application deadline: 30th Sept 2020Only for customers in...

Posted by Big Save on Saturday, September 26, 2020

ސުޖާއު ވިދާޅުވީ، މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ކަސްޓަމަރުން އެތަނަށް ވިޔަފާރި ކުރަން ދާން ޖެހޭނެ ކަމަށެވެ.

"ފުރަތަމަ ހަފްތާ ތެރޭގައި އައީމަ ކިރާފައި ލުއިވެފައި އިންނަ ވަރަކަށް ޑިސްކައުންޓް ލިބޭނެ، މިސާލަކަށް އެެއް ކިލޯ ލުއިވެފައި އިނިއްޔާ ފަސް ޕަސެންޓް ޑިސްކައުންޓް، ދެން އެއަށްވުރެ މަދުން ލުއިވެފައި އިނަސް އެ ޕަސެންޓުން ޑިސްކައުންޓް ލިބޭނެ. އެއަށްވުރެ ގިނައިން ލުއިވެފައި އިނިއްޔާ ފަސް ޕަސެންޓަށްވުރެ ގިނަ ވާނެ ޑިސްކައުންޓް" ސުޖާއު ވިދާޅުވިއެވެ.

އެހެންކަމުން ދުވެގެންވެސް ނޫނީ ކަސްރަތު ކޮށްގެންވެސް ބަރުދަން ލުއިކޮށްގެން މި ޕްރޮގްރާމްގެ ދަށުން ޑިސްކައުންޓް ލިބޭނެ އެެވެ.

"ރަށުގައި ހުންނާނެ ޖިމްވެސް، ދެން ދުވެގެން، ނޫނީ ކަސްރަތުކޮށްގެންވެސް، މިހާރުވެސް ދުވަން ދާނެ ކަންނޭނގެ ގިނަ ކުދިން، ވަރަށް ސިއްހަތު ރަނގަޅު ކޮށް ގިނަ ބަޔަކު އުޅެން ބޭނުންވާއިރު، އަޅުގަނޑުމެން ބޭނުންވަނީ އެކަމަށް ރަށު މީހުން އެންކަރޭޖް ކުރަން. ރައްޔިތުންނަށް ހިތްވަރުދިނުން، ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރު އެޅުން." ސުޖާއު ވިދާޅުވިއެވެ.

ސުޖާއު ވިދާޅުވީ، މި ޕްރޮގްރާމްގައި ބައިވެރިވާ އެރަށު ރައްޔިތުންގެ ތެރެއިން، އެންމެ ބޮޑަށް ހިކޭ ފަރާތަކަށް ހާއްސަ އިނާމެއްވެސް ދިނުމަށް ހަމަޖެހިފައިވާ ކަަމަށެވެ.

ސުޖާއު ވިދާޅުވީ މިއީ މި ވިޔަފާރީގެ ފެށުން ކަމުގައިވާ، އާއިލާގެ ހަތަރުބެއިންގެ ހިޔާލާއި މަޝްވަރާގެ މަތިން ކުރިއަށްގެންދަން ނިންމި ޕްރޮގްރާމެއް ކަމަށެވެ.

"އެގޮތަށް އައި ހިޔާލެއް މިއީ، ހިތައް އެރީ މިއީ ރަށުގެ ރައްޔިތުންނަށްވެސް ކޮށްދެވޭނެ ކަމެކޭ، އަނެއްކާވެސް ވަރަށް ސަޅި އައިޑިއާ އެކޭ މިއީ. އެއްވެސް ތާކު އަދި މިހާތަނަށް ކޮށްފައި ނެތް ކަމެެއް މިއީ. އެގޮތަށް އައި ހިޔާލެއް މިއީ، މުސްތަގްބަލުގައި ވިޔަފާރި ފުޅާވި ވަރަކުން ހަމަ އެހެން ބްރާންޗްތައް ހުޅުވުނީމަ އެހެން ތަންތަނުގައިވެސް ޖެއްސޭނެ". ސުޖާއު ވިދާޅުވިއެވެ.

ބިގް ސޭވް ފިހާރައަކީ މީގެ ދެ މަހެއްހާ ދުވަސް ކުރިން އެރަށުގައި ހުޅުވި ގިނަބަޔަކު ވިޔަފާރި ކުރަން ދާ ފިހާރައެކެވެ. މި ފިހާރައަކީ ގިނަ ސާމާނުު އެތަނަކުން ލިބެން ހުންނަ ފިހާރައެކެވެ.

ބިގް ސޭވް ފިހާރައަކީ ކޮލެޓީ މުދާ އެއްތަނަކުން ލިބޭނެ ފިހާރައެކެވެ. އެގޮތުން ކޮލެޓީ ބޮޑީ ސްޕްރޭ އާއި ސެންޓް ފަދަ ތަކެތި އެ ފިހާރައިން ލިބެން ހުންނާނެ އެވެ.

ބަނދަރުން މާއުނގޫދުއަށް ފައިބައިގެން ދާއިރު އެންމެ ފުރަތަމަ ޖެހޭ ފިހާރައަކީ "ބިގް ސޭވް" އެވެ.