އައްޑޫ އާއި ހުވަދޫ އަތޮޅާއި ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ މަސައްކަތް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ފަށައިފިއެވެ.

އައްޑޫސިޓީ ގަމާއި ހުވަދޫ އަތޮޅާއި ސީޕްލޭންގެ ހިދުމަތުން ގުޅުވާލުމުން އެއަތޮޅު ރިސޯޓުތަކަށް ޒިޔާރަތް ކުރާ ފަރުތުވެރިންނަވެސް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް ލުއިތަކެއް ލިބިގެންދާނެއެވެ.

އޭއައިއޭގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު "ވަގުތު" އަށް ވިދާޅުވީ، އައްޑޫއާއި ހުވަދޫ އަތޮޅާއި ދެމެދު ސީޕްލޭން ދަތުރު ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުން ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

ގައިސް ވިދާޅުވީ، އެ ހިދުމަތް ފެށޭނެ ކަމަށް ލަފާ ކުރެވެނީ ނޮވެމްބަރު މަހުގެ ފަހު ކޮޅުގައި ކަމަށެވެ. ސޮއިކުރެވޭ ދުވަހު ސީޕްލޭން ޓާމިނަލް މަރާމާތު ކުރުމުގެ މަސައްކަތްވެސް ފެށިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސޮއި ކުރެވޭތާ އެއްމަސް ދުވަހުގެ ތެރޭގައި ފެށޭތޯ ބެލުމަށް މަސައްކަތް ކުރަނީ" ގައިސް ވިދާޅުވިއެވެ.

ގައިސް ވިދާޅުވީ، މި ހިދުމަތް ފެށުމާއި އެކީ ހުވަދޫ އަތޮޅުގެ ރިސޯޓުތަކަށް ފަތުރުވެރިން ސީދާ ދެވޭނެ ގޮތްވުމަކީ ރިސޯޓުތަކުންވެސް ބޭނުންވާ ގޮތް ކަމަށެވެ.

"މިތަނާ ހުވަދޫ އަތޮޅު 10 ޕްރޮޕަޓީއަކާއި ދޭތެރޭ މިއިންނަނީ 25 މިނެޓާއި 45 މިނެޓުގެ ދަތުރެއް ސީޕްލޭންގައި. އެހެންވީމަ އޭތި ވާނެ ވަރަށް އެޓްރެކްޓިވް އެއްޗަކަށް ހުވަދޫ އަތޮޅުގެ ރިސޯޓުތަކަށް" ގައިސް ވިދާޅުވިއެވެ.

ސަރުކާރުގެ ވިސްނުމަކީވެސް ގަން އެއާޕޯޓުން އެސަރަހައްދުގެ ފަތުރުވެރިން ޒިޔާރަތް ކުރާ ތަންތަނަށް ކޭޓާ ކޮށްދިނުން ކަމަށްވެސް ގައިސް ވަނީ ވިދާޅުވެފައެވެ.

ގައިސު ވިދާޅުވީ ކުރިންވެސް މޯލްޑިވިއަންއިން އައްޑޫ ހުވަދޫގެ ސީޕްލޭން ދަތުރު ފެށުމަށް ހުށަހެޅިކަމަށެވެ. ނަމަވެސް އެފަހަރު މޯލްޑިވިއަންގެ ބަދަލުގައި އޭއައިއޭއިން ހަމަޖެއްސީ ޓީއެމްއޭއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ރަމްސ

  މޑ ގެ ބަސަމަގު ހާދަ ބާޒާރު މަތިހެން ހީވެއޭ !!!

 2. ސއއ

  ތަންކޮލައް އަވަސް ތިކަން ކުރަން

 3. ސއއ

  އަގުތައް ބަހައްޓާ ގަސިމްގެ އަށް ފޯރާ ފަށުގަ

 4. މުހުންމާ

  އެމްޑީ ތިކަން ނުވެގެން ތިއުޅެނީ އެޓްރެކްޓިވް ނުވެގެނެއްނޫނޭ، އައްޑޫގައި ވެސް ރިސޯޓްތަށް އެބަހުރި، ޝަންގްރިއްލާ، ހެރަތެރެ، ގަން ސިޓީހޮޓެލް، ފޭދޫ ހިތަދޫގައި އެހެރަ ސިޓީ ހޮޓެލްތަށް މިތަންތަންވެސް އެޓްރެކްޓިވްނޫންތޯ.
  ތިޔައީވާނެކަމެއްނޫން، ފުރަތަމަ ހަފްތާއެއް މަހެއްހައިދުވަހަށް ސީޕްލޭން އެއަކްރާފްޓެއް ގަމުގައި އަޅައިގެން ތިބެފައި ތިކަން ހުއްޓާލާނެ. ވަﷲ އައުލަމް.
  މޯލްޑިވިއަން އިން ގަމުން ހުވަދުއަތޮޅަށް ސީޕްލޭން އޮޕަރޭޓް ކުރަންޖެހެނީ ކީއްވެތޯ؟ ނޮވެމްބަރު މަހު ގަމަށް އިންޓަނޭޝަނަލް ފްލައިޓް ޖައްސަނީތޯ؟ އެހެން ކަމަށް ވަންޏާމު ތިޔަކަންކަމުގައި ކުރިލައިގެން ހިނގައިދާނެ. ގަމަށް އިންޓަނޭޝަނަލް ފްލައިޓް ނުޖައްސައި މޯލްޑިވިއަން ސީޕްލޭންގައި ގަމުން ހުވަދުއަތޮޅަށް ދަތުރު އަޅަނީ ކޮންބަޔަކު ގޮވައިގެންތޯ؟ ދެން އޮތީ މޯލްޑވިއަންއިން މާލެއިން ގަމަށް ގެސްޓުން އުފުލުމަށްފަހު ސީޕްލޭންގައި ގަމުން ހުވަދުއަތޮޅަށް ގެސްޓުން އުފުލަނީތޯ؟ އެހެން ކަމަށްވަންޏާމު މޯލްޑިވިއަންއިން މާލެއިން ހުވަދުއަތޮޅުގެ ތިން އެއާޕޯޓަށް ކުރާ ދަތުރުކުރުން ހުއްޓާލަނީތޯ؟ ނުވަތަ އެދަތުރު މަދުކޮށްލަނީތޯ؟
  ނުވަތަ ތިޔަވިދާޅުވާ ވާހަކަ ތަކަކީ ސިޔާސީ ބޭނުމަކަށް ދައްކަވާ ވާހަކަތަކެއްތޯ؟ ނުވަތަ ގަން އިންޓަނޭޝަނަލް އެއަރޕޯޓުގެ އެމްޑީގެ އަމިއްލަ ވިސްނުމަކަށް ކޮންމެވެސް ވާހަކައެއް ދައްކާލީތޯ؟

  9
  1