ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިންގ ޑައިރެކްޓަރގެ މަގާމަށް މޫސާ ނިމާލް އަދި ކޯޕަރޭޓް ބޭންކިންގ ޑައިރެކްޓަރގެ މަގާމަށް އަހުމަދު އަސީފް ހަމަޖައްސައިފިއެވެ.

ބީއެމްްއެލް އިން ބުނީ، 2003 ވަނަ އަހަރު ބޭންކާއި ގުޅުނު ނިމާލް ބޭންކިންގެ އެކި ދާއިރާތަކުގައި މަސައްކަތްކޮށް، ގިނަގުނަ ތަޖުރިބާތަކެއް ހޯދާފައިވާ ކަމަށެވެ.

މިގޮތުން ނިމާލް ބްރާންޗް އޮޕަރޭޝަންސް, ކަސްޓަމަރ ސަރވިސަސް, އިންޓަރނޭޝަނަލް ބޭންކިން އަދި ރީޓެއިލް ބޭންކިންގައި މަސައްކަތްކޮށްފައިވާ ކަން ބީއެމްެއެލް އިން ވަނީ ފާހަގަކުރައްވާފައެެވެ.

އަދި ބޭންކުން ހިންގާފައިވާ ފާހަގަކޮށްލެވޭ ގިނަ މަޝްރޫޢުތަކާއި, ބޭންކަށް ގެނެވުނު މުހިންމު ބޮޑެތި ބަދަލުތައް ގެނައުމުގައި ނިމާލް ވަނީ މުހިންމު ދައުރެއް އަދާ ކުރި ކަމަށް ބީއެމްްއެލް އިން ބުންޏެވެ.

މި މަގާމަށް އައްޔަން ކުރުމުގެގެ ކުރިން އެންމެ ފަހުން ނިމާލް ހުރީ ހެޑް އޮފް ރީޓެއިލް ބޭންކިންގެ މަގާމުގައެވެ.

ބީއެމްއެލް އިން ބުނީ، އަސީފް އަކީ ރިލޭޝަންޝިޕް އަދި ޕޯޓްފޯލިއޯ މެނޭޖްމަންޓްގެ ތަޖުރިބާކާރު ގާބިލު ކޯޕަރޭޓް ބޭންކަރ އެއް ކަމަށެވެ. އަދި އޭނާއަކީ 2012 ވަނަ އަހަރު ރިލޭޝަންޝިޕް މެނޭޖަރގެ މަގާމަށް ބޭންކާ ގުޅުމަށްފަހު، ފާއިތުވި 8 އަހަރު ތެރޭގައި ކޯޕަރޭޓް ބޭންކިންގ ޓީމާއެކު މިދާއިރާގައި ކުރިއެރުންތަކެއް ހޯދާފައި ކަމަށް އެ ބޭންކުން ބުންޏެވެ. އަދި ބޭންކުގެ ނުހަނު ބޮޑު ކޯޕަރޭޓް ކަސްޓަމަރ ޕޯޓްފޯލިއޯ ބެލެހެއްޓުމުގައި މުހިންމު މަސައްކަތްތަކެއް އޭނާ ކޮށްފައިވާ ކަމަށް ބީއެމްެއެލް އިން ވަނީ ފާހަގަކޮށްފައެވެ..

މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަސީފް ހުރީ ހެޑް އޮފް ކޯޕަރޭޓް ބޭންކިންގެ މަގާމުގައެވެ.

މި މަގާމަށް ނިމާލް އާއި އަސީފް އައްޔަންކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ވަރަށް ފުޅާދައިރާއެއްގައި މަަސައްކަތްކުރެވިގެން ދިޔުމަށްފަހު، ނިމާލް އާއި އަސީފް ބޭންކުގެ އެގްޒެކެޓިވް ޓީމާ ގުޅިވަޑައިގަތުމުން މަރުހަބާ ކިޔުމަކީ އޭނާއަށް ލިބޭ ބޮޑު އުފަލެއް ކަމަށެެވެ.

"މި ދެބޭފުޅުންނަކީވެސް ބޭންކިންގ ދާއިރާގައި އަމަލީ ގޮތުން މަސައްކަތްކޮށް އެތައް އަހަރެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ގާބިލް ދިވެހިން. ރީޓެއިލް، އެސްއެމްއީ އަދި ކޯޕަރޭޓް ބޭންކިންގ އަށް އިތުރު ފުރިހަމަކަމެއް ގެނައުމަށް މިދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން. މި ދެ ބޭފުޅުން ރަނގަޅު ބަދަލުތަކެއް ގެނެސްދެއްވާނެކަމާމެދު އަޅުގަނޑަށް އިތުރުބާރު އެބައޮތް. ނިމާލް އާއި އަސީފް އަށް ކާމިޔާބަށް އެދެން.". އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާ ދެމުންދާ އެއް ކުންފުނިވެސް މެއެވެ. ބޭންކުގެ %99 މުވައްޒަފުންނަކީ ފަހްރުވެރިމަކާއެކު ވަޒީފާ އަދާކުރަމުންދާ ދިވެހިންނެވެ. ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން ވަޒީފާ ދިނުމާއި ތަމްރީނުކުރުމާއި އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި އަމަލުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕިންކީބަނާނާ

    ނިމާލް އަކީ ވަރަށް ހިންގުންތެރި އަދި ތިމަގާމަށް އެކަށީގެންވާ ޤާބިލް މުރާލި ބޭފުޅެއް، އަދި އިހްލާސްތެރިކަމާއެކު ބޭންކަށް ގިން ދުވަސްތަކެއް ވަންދެން އަގުހުރި މަސައްކަތްތަކެއް ކޮށްދީފައިވާ މުވައްޒަފެއް. ނިމާލް އަށް ކުރިއަށް އޮތްތަނުގައި ވެސް އިތުރު ކާމިޔާބީ ތައް ލިބުމަށް އެދެން.