އިންޑިއާގެ ކޮޗިނާއި ހދ. ކުޅުދުއްފުއްޓާއި ދެމެދު މިދިޔަ މަހުގެ 26 ވަނަ ދުވަހު ފެށި ފެރީ ދަތުރުގައި ގެނައި ސިމެންތި އެސްޓީއޯ އިން އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.

އެސްޓީއޯގެ ކުޅުދުއްފުށީ ސްޓޯރުން މިހާރު މި ސިމެންތި ވިއްކަން ފަށާފައިވާއިރު، ސިމެންތި ވިއްކަމުން އަންނަނީ މީގެ ކުރިން ރެމްކޯ ސިމެންތި ވިއްކަމުން ދިޔަ އަގަށްވުރެ 16 ރުފިޔާ ހެޔޮކޮށެވެ.

މީގެ ކުރިން 106 ރުފިޔާ އަށް ލިބެންހުރި ރެމްކޯ ސިމެންތި ބަސްތާއެއް މިހާރު ކުޅުދުއްފުށީ އެސްޓީއޯ އިން ލިބެން ހުރީ 90 ރުފިޔާ އަށްކަމަށް އެސްޓީއޯއިން ބުނެއެވެ.

ކޮޗިން ކުޅުދުއްފުށި ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތިއާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ ދެ ކޮންޓެއިނަރު ގެނެސްފައިވެއެވެ.

މި ފެރީ، މަހަކު ދެ ފަހަރު ރާއްޖެ އަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ އިރު، ކާގޯ ފެރީގެ ހިދުމަތް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ ތިން މިލިއަން ޑޮލަރު ހަރަދު ކުރަން ނިންމައިފައެވެ.

"އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ ފެރީގައި ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ އުފުލޭނެ ކަމަށް ލަފާ ކުރެވެއެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި ސިއްހީ ސާމާނާއި ބޭހާއި އަންނައުނާއި ފަރުނީޗަރާއި ދަގަނޑާއި އިލެކްޓްރޯނިކް ސާމާނާއި ވެހިކަލް ފަދަ މުދާތައް ހިމެނެއެވެ.

މި ފެރީގެ ސަބަބުން ރާއްޖޭގެ ރާއްޖޭގެ އުތުރުގެ އަތޮޅުތަކާއި ރަށްތަކަށް ފަތުރުވެރިކަން ފުޅާވެ، އިގްތިސާދީ ކުރިއެރުން ލިބި، ތަރައްގީ ވެގެންދާނެ ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެޔޮޅު

    ހެހެ ހެހެ އިންޑިއާވަނީ ސޯލިހުއަތުންރާއްޖެ ގަނެފަ ފައިދާނުވިޔަސް ކަންދެއްކުމަށް ތިކަންކުރާނެ ތިޔައީ އަޅުވެތިކަމުގެ ދެއްކުމެއް.