ކޮވިޑް-19 ފެތުރެން ފެށުމާއެކު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، ހުޅުވާލި ފަހުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 18،867 އަށް އަރައިފިއެވެ.

އިމިގްރޭޝަނުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މިދިޔަ މަހު އެކަނި ރާއްޖެއަށް ވަނީ 9،538 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިދިޔަ މަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ރަޝިއާ އިން ޒިޔާރަތްކޮށްފައިވާ އިރު، ރަޝިއާއިން އެކަނިވެސް ވަނީ 2،065 ފަތުރުވެރިއަކު ރާއްޖެ އައިސްފައެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޔޫއޭއީ އިން ރާއްޖެއަށް އައީ، 1،029 ފަތުރުވެރިންނެވެ.

މީގެ އިތުރުން އެމެރިކާއިން 935 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އިނގިރޭސިވިލާތުން ރާއްޖެ އައިސްފައި ވަނީ 625 ފަތުރުވެރިންނެވެ. ސްޕޭން އިން 466 ބްރެޒިލް އިން 444 ޖާރުމަނު ވިލާތުން 362، ފްރާންސުން 279 އިންޑިއާއިން 262 އަދި އިޖިޕްޓުން 232 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ސެޕްޓެމްބަރު މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އެ މަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް ވަނީ، 629 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ޖުލައި މަހު 2،890 މީހުން ރާއްޖެ އައިއިރު އޮގަސްޓް މަހު 11،186 މީހުން އައިސްފައިވެއެވެ. އެވްރެޖުކޮށް ޖުލައި މަހުގެ ކޮންމެ ދުވަހަކު 100 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމުގެ ސަބަބުން އެއާލައިންތަކުން ވަނީ ދަތުރު ކުރުން މެދުކަނޑާލައިފައެވެ.

އޭގެ ފަހުން ގިނަ ގައުމުތަކެއްގެ ބޯޑަރު ހުޅުވާލިނަމަވެސް އަދިވެސް ބައެއް އެއާލައިންތަކުން ދަތުރުތައް ފަށާފައެއް ނުވެއެވެ. މިކަމުގެ ސަަބަބުން ރާއްޖެއަށް ދަތުރުކަން ބޭނުން ފަތުރުވެރިންވެސް ތިބީ ނާދެވިފައެވެ.

ކޮވިޑް-19 އާ ގުޅިގެން ހުއްޓިފައި އޮތް ރާއްޖޭގެ ފަތުރުވެރިކަން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، މިމަހުގެ 15 ވަނަ ދުވަހުން އަތޮޅު ތެރޭގެ ގެސްޓްހައުސްތައް ހުޅުވުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.