ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވެ 24 ހާސް އެނދު އޮޕަރޭޓުކުރަމުން އަންނަ ކަމަށް ޓުއަރިޒަމް މިނިސްޓްރީ އިން ވިދާޅުވެއްޖެ އެވެ.

ޓުއަރިޒަމް މިނިސްޓްރީ އިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 ވައިރަހާއި ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވިފަހުން މިހާތަނަށް ފަތުރުވެރިކަމުގެ ހިދުމަތްދޭ 223 ތަނެއް ހުޅުވާފައިވާކަމަށާއި، އޭގެ ތެރޭގައި ސަފާރީތަކާއި ހޮޓެލްތަކުގެ އިތުރުން ރިސޯޓުތައް ހިމެނޭ ކަމަށެވެ. އަދި އެތަންތަނުގައި ޖުމްލަ 24،000 އެނދު އޮޕަރޭޓު ކުރަމުން އަންނަ ކަމަށް އެމިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

ޓުއަރިޒަމް މިނިސްޓްރީ އިން ވަނީ ރިސޯޓުތައް މިހާރު ހުޅުވާލައިފައި ވާއިރު މިމަހުގެ 15 ވަނަ ދުވަހު ލޯކަލް ޓުއަރިޒަމަށް އަތޮޅުތެރޭގެ ރަށްތައް ހުޅުވައިލާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ވަރަށް އަވަހަށް މިކަމާއި ގުޅޭ ގައިޑްލައިންތައް އާންމު ކުރާނެ ކަމަށާއި، އެ ގައިޑްލައިންތަކުގެ ތެރޭގައި ރަށުން ފަތުރުވެރިން ފުރުމުގެ ތިން ދުވަސް ކުރިން ކޮވިޑް-19 އަށް ޓެސްޓުކުރުން ހިމެނޭ ކަމަށް އެ މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.

މިހާރު މަޑުމަޑުން ފަތުރުވެރިކަން އަންނަނީ ރަނގަޅުވަމުން ކަމަށް އެ މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ. ޖުލައި 15 ގެ ފަހުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 18000 އަށްވުރެ މަތިވެފައެވެ.

އިމިގްރޭޝަނުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މިދިޔަ މަހު އެކަނި ރާއްޖެއަށް ވަނީ 9،538 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ޖުލައި މަހު 2،890 މީހުން ރާއްޖެ އައިއިރު އޮގަސްޓް މަހު 11،186 މީހުން އައިސްފައިވެއެވެ. އެވްރެޖުކޮށް ޖުލައި މަހުގެ ކޮންމެ ދުވަހަކު 100 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމުގެ ސަބަބުން އެއާލައިންތަކުން ވަނީ ދަތުރު ކުރުން މެދުކަނޑާލައިފައެވެ.

އޭގެ ފަހުން ގިނަ ބައެއް ގައުމުތަކުގެ ބޯޑަރު ހުޅުވާލިނަމަވެސް އަދިވެސް ބައެއް އެއާލައިންތަކުން ދަތުރުތައް ފަށާފައެއް ނުވެއެވެ. މިކަމުގެ ސަަބަބުން ރާއްޖެއަށް ދަތުރުކަން ބޭނުން ފަތުރުވެރިންވެސް ތިބީ ނާދެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީބެ

    24000 އެނދު އޮޕްރޭޓް ކުރަން ފެށިއިރު 2 މަސްތެރޭ އެނދަކަށް މީހަކު ވާ ވަރަށްވެސް ނާދޭނު.

  2. އެބަޖެހޭ

    ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާ އިންނޭ ރާއްޖޭގެ މަޖްލީހުގެ ރައީސް އޭނާ އަށް ދައުލަތުން އަހަރަކު އެއް މިލިއަން ރުފިޔާ ލިބޭތީވެ އޭނާ ނުބަލާ މިގައުމުގެ އިގްތިސާދަށް ވާނެ ގެއްލުމެއް އޭނާ ބަލަނީ ވެރިކަމުގައި އިންޑިއާ ސިފައިން މިގައުމުގައި ބައިތިއްބައިގެން ބަގުޑި ބެއްދޭނީ ކިހިނެއްތޯއޭ އެއޭ ރާއްޖެ އަށް ޓޫރިސްޓުން އައުން މަދުވެގެން އުޅޭ ކަމަކީ ޗައިނާ އިން ޓޫރިސްޓުން ނައިސް ކުޅަދާނަ އެއް ނޫނޭ ރާއްޖެ އަށް އަންނަ ގެސްޓުން އިތުރު ކުރަން ބޭނުންނަމަ ކެނެރީގެ ނަޝީދު އެބަޖެހޭ ރާއްޖޭގެ ސިޔާސީ މައިދާނުން އެއްފަރާތް ކުރަން...