މި އަހަރުގެ ސެޕްޓެމްބަރު މަހު މީރާއަށް އާމްދަނީގެ ގޮތުގައި 843.04 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން ހާމަކޮށްފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 30.9% މަދު އަދަދެކެވެ.

މީރާއިން ބުނީ، ސެޕްޓެމްބަރު 2019 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ސެޕްޓެމްބަރު 2020 ގައި ލިބިފައިވާ އާމްދަނީ ދަށްވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިޤްތިޞާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމުން ކަމަށެެވެ.

މިގޮތުން، ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި އިތުރުކުރެވިފައިވުމުން، މި މުއްދަތުގައި ލިބިފައިވާ އާމްދަނީ، މީގެ ކުރީ އަހަރުގެ މި މުއްދަތާއި ބަލާއިރު މަދުކަމަށް މީރާއިން ބުނެފައި ވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހެވެ. އެއީ 45.7% ނުވަތަ 385.57 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ އިންނެވެ. އެއީ %25.8 ނުވަތަ 217.16 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ބީ.ޕީ.ޓީގެ ގޮތުގައި 150.13 މިލިއަން ރުފިޔާ (17.8%)، ރެސިޑެންޝަލް ޕަރމިޓްގެ ގޮތުގައި 21.06 މިލިއަން ރުފިޔާ (2.5%)، މުދަލު ޒަކާތުގެ ގޮތުގައި 11.07 މިލިއަން ރުފިޔާ (1.3%)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 58.04 މިލިއަން ރުފިޔާ (6.9%) ހިމެނެއެވެ.