ކޮވިޑް-19 އާ ގުޅިގެން ހުއްޓާލާފައި އޮތުމަށްފަހު، އަލުން ބްރިޓިޝް އެއާވޭސްއިން ދަތުރުތައް ރާއްޖެއަށް ފަށަން ތައްޔާރުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ތިން ވަރަކަށް މަސް ދުވަހަށް ބަންދުކުރިއެވެ. އަދި ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން، ފަތުރުވެރިން ވަނީ އަންަނަން ފަށާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން އަންނަ އެމްއޭސީއެލް އިން ބުނީ، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބްރިޓިޝް އެއާވޭސް އިން ވެލާނާ އެއާޕޯޓާއި ދެމެދު ދަތުރުތައް ކުރާނެ ކަމަށެވެ.

އެ އެއާލައިނުން ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ކުރާނެ އެވެ. އެ އެއާލައިނުން ރާއްޖެ އާ ދެމެދު ދަތުރު ކުރަން ހަމަޖެހިފައި ވަނީ، ލަންޑަންގެ ހީތްރޯ އެއާޕޯޓުންނެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމެވެ. އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ކުރުމަށް ހާއްސަ ހަރަކާތްތަކެއްވެސް ދަނީ ކުރިއަށެވެ.

ކޮވިޑް-19 އާ ގުޅިގެން ބައެއް އެއާލައިންތަކުން ހުއްޓާލަފައިވާ ދަތުރުތައް އަލުން ފަށާފައި މި ވަނީ، ފަތުރުވެރިކަމުގެ ސީޒަނާއި ދިމާކޮށެވެ.