ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައި ހުރި ގެސްޓްހައުސްތައް އަލުން ހުޅުވުމަށް ކ. މާފުށީގައި ހާއްސަ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "ވަގުތަށް" މިއަދު ވިދާޅުވީ އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މާދަމާ މާފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ހަރަކާތުގައި މާފުއްޓަށް އައުމަށް ހަމަޖެހިފައިވާ ފަތުރުވެރިންނަށް މައުސޫމް މަރުހަބާ ދަންނަވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ގެސްޓްހައުސްތައް އަލުން ހުޅުވާ އިރު، މިހާތަނަށް ހުއްދަ ދީފައި ވަނީ އެންމެ ދެ ތަނަށެވެ. އެކަމަކު، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ތަންތަނަށް ހުއްދަ ދިނުމަށް ހަމަޖެހިފައިވެއެވެ.

ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދޭނީ ކޮވިޑް19 ސޭފް ޕްލޭން އެކުލަވާލާ ގެސްޓްހައުސްތަކަށް އެކަންޏެވެ. އެ ޕްލޭން ބަލައި ހުއްދަ ދޭނީ ރަށު ކައުންސިލުން ގެސްޓްހައުސް އަށް ގޮސް، ޕްލޭނާ އެއްގޮތަށް ހުރިތޯ ޗެކް ކުރުމަށް ފަހު ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ނަމައެވެ.

މާލެ ފިޔަވައި، ރާއްޖޭގެ ރަށްރަށުގެ ގެސްޓްހައުސްތައް އަލުން ހުޅުވާ އިރު، ގެސްޓްހައުސްތައް ހުޅުވާ ރަށްރަށުގައި ދިރިއުޅޭ އެންމެން ވެސް ގެއިން ބޭރަށް ނިކުންނައިރު މާސްކް އެޅުން މަޖުބޫރުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގައިޑްލައިން ވަނީ އާންމުކޮށްފައެވެ.

ގައިޑްލައިންގައި ހިމެނޭ އިތުރު ކަންތައްތަކަށް ބަލާއިރު ވަކި ހާއްސަ ހާލަތެއްގައި ނޫން ގޮތަކަށް ގެސްޓްހައުސް ހުޅުވާފައި ހުންނަ ރަށަކުން އެހެން ރަށަކަށް މީހުން ދަތުރު ކުރުން ވަނީ މަނާކޮށްފައެވެ. ގެސްޓްހައުސް ހުޅުވާފައި ހުންނަ ރަށަކުން އެހެން ރަށަކަށް ދަތުރު ކުރުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ޑޮކްޓަރަށް ދެއްކުމަށާއި، ބަލިވެފައިވާ އާއިލާ މީހަކަށް ޒިޔާރަތް ކުރުމަށާއި، ބޭންކްގެ ޚިދުމަތް ހޯދުމަށާއި، ސްކޫލަށް ދިއުމަށާއި، ކޮންމެހެން ގަންނަން ބޭނުންވާ އެއްޗެއް ގަތުމަށާއި، ކޯޓަށް ހާޒިރުވުމަށެވެ.

ގައިޑްލައިން ބުނާ ގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ މުވައްޒަފުންނާއި ރަށްރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިން "ޓްރޭސްއެކީ އެޕް" ވެސް ބޭނުން ކުރުން މަޖުބޫރު ވާނެއެވެ. އަދި ގެސްޓްހައުސްތަކަށް ޒިޔާރަތްތަކުރާ ފަތުރުވެރިންނާއި އަދި އެނޫން މީހަކު ވެސް ކަރަންޓީނަށް ނުވަތަ އައިސޮލޭޝަނަށް ދާންޖެހިއްޖެ ހާލަތެއްގައި އެ ފަރާތަކުން ހާލުބެލުން ޕޯޓަލްގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ގައިޑްލައިންގައި ބުނެފައި ވެއެވެ.

ފަތުރުވެރިންނަށް ރަށުގެ އާންމު ރައްޔިތުން ދިރިއުޅޭ ގެތަކަށް ދިއުން ވަނީ މަނާ ކޮށްފައެވެ. ނަމަވެސް އާންމުކޮށް ހުޅުވާފައި ހުންނަ ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތަކަށް ވަނުމަށް ފަތުރުވެރިންނަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ގައިޑްލައިން ބުނެއެވެ. ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ކެފޭތަކުގައި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަންކަން އިންތިޒާމް ކޮށްފައި ބެހެއްޓުމަށް ގައިޑްލައިންގައި ވަނީ އަންގާފައެވެ.