ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރި އެއްދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާއެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެކި ކުންފުނިތަކުން ތަފާތު މަސައްކަތްތައް ކުރަމުން ގެންދާއިރު ބ.އަތޮޅުގައި އޮންނަ ވައްކަރު މޯލްޑިވްސް އިން މިވަނީ ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފައެވެ.

ވިޔަފާރީގެ ޚަބަރުތައް ގެނެސްދޭ ބައިނަލްއަޤުވާމީ ވެބްސައިޓްތަކުގައި ބުނެފައިވާ ގޮތުގައި ވައްކަރު މޯލްޑިވްސްގައި ހުނަ "އޮފީހަކީ" އެރިސޯޓްތައި 21 ދުވަހަށްވުރެ އިތުރަށް މަޑުކުރާ މީހުންނަށް އިތުރު ފީއެއް ދެއްކުމެއް ނެތި ބޭނުން ކުރެވޭނެ އޮފީހެކެވެ.

"ވޯކް ވެލް" ނަމުގައި ތައާރަފްކޮށްފައިވާ މި ޕެކޭޖުން ފަތުރުވެރިންނަށް އެމީހުން ބޭނުންތަނެއްގައި އޮފީސް ހަދާލެވޭނެއެވެ. އެއީ މޫދު ފެންނަން އޮތް "އޯޝަން ވިލާ" ގައި ނުވަތަ އެންމެ ރީތި އަތިރިމަތި ފެންނަ ގޮތައް ވެސް އޮފީސް ހަދާލެވޭނެއެވެ. އޮފީހަށް ބޭނުންވާ ހުރިހާ އެއްޗެއް އިތުރު އެއްވެސް އަގެއް ނެގުމެއް ނެތި ހިލޭ ރިސޯޓުން ފޯރުކޮށްދޭނެއެވެ.

ނަމަވެސް ޕެކޭޖް ވިއްކަނީ 21 ދުވަހަށް ދެމީހަކަށް 18000 އެމެރިކާ ޑޮލަރު (277560 ރުފިޔާ) އަށެވެ. އަދި އެއްމަސް ދުވަހަށް 25000 އެމެރިކާ ޑޮލަރު (385500 ރުފިޔާ) އަށެވެ.

"މިޕެކޭޖްގައި ހިމެނިގެން ފަތުރުވެރިޔާ ބޮޑު ވިލާއަކަށް ބަދަލުވުމުގެ ފުރުސަތު ވެސް ލިބިގެންދާނެ. އަދި ޕްރިންޓަރާއި އޮފީސް ސަޕްލައި ވެސް އިތުރު އަގެއް ނެގުމެއް ނެތި ލިބިގެންދާނެ. މީގެ އިތުރުން ވަރަށް ހާއްސަ އިތުރު ފައިދާތަކެއް ވެސް މިޕެކޭޖް ބޭނުންކުރާ ފަތުރުވެރިންނަށް ލިބިގެންދާނެ." ގްލޯބަލް ޓްރެންޑާގައި ބުނެފައި ވެއެވެ.

ޕެކޭޖްގެ ހާއްސަ އިތުރު ކަންތައްތަކަށް ބަލާއިރު އޮފީހުގެ މަސައްކަތްތަކުގައި ބަޓްލަރުގެ އެހީތެރިކަން ލިބޭނެއެވެ. އޭގެތެރޭގައި ޑޮކިއުމެންޓްތައް ޕްރިންޓް ކުރުމާއި މީޓިންތަކަށް ތައްޔަރުވުމާއި އަދި ޝެޑިއުލް ތައްޔާރު ކުރުމުގައި ވެސް ބަޓްލަރު އެހީތެރިވާނެއެވެ.

ޕެކޭޖްގެ ދަށުން އޮތީ ހަމައެކަނި އެންމެ މީހެއްގެ އޮފީސް މަސައްކަތްތައް ކުރެވޭނެ އިންތިޒާމެއް ނޫނެވެ. އިންޑިއާ ކަނޑުގެ އެންމެ ރީތި އެއް މަންޒިލްގެ އަތިރިމަތީގައި އޮފީހުގެ ބޮޑެތި ބައްދަލުވުންތައް ވެސް ބާއްވާލެވޭނެއެވެ.

މިޕެކޭޖްގައި ހިމެނިގެން އޮފީސް ހިންގުމުގެ ފުރުސަތާއި ބައްދަލުވުންތައް ބޭއްވުމުގެ ފުރުސަތު އެކަނި ލިބިގެން އަދި ނުނިމެއެވެ. ރިސޯޓްގައި ހުރި ކުޅިވަރު ކުޅެވޭނެ ވަސީލަތްތާއި ޖިމްތައް ވެސް އިތުރު އަގެއް ނެގުމެއް ނެތި ބޭނުން ކުރެވޭނެއެވެ.

ކޮވިޑް-19 ދުނިޔޭގައި ހަލުވިކޮށް ފެތުރެމުން އަންނާތީ މިހާރު ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި މަޑުކުރާ މުއްދަތު އިތުރު ވެގެންދާނެ ކަމަށް ޓްއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިފަދަ ޕެކޭޖްތަކުގެ ސަބަބުން އޮންލައިންކޮށް މަސައްކަތް ކުރެވޭ މުއްސަނދިން ރާއްޖެ އަންނަ މިންވަރު އިތުރު ވެގެންދާނެ ކަމަށް ވެސް ދާއިރާގެ ތަޖުރިބާކާރުން އުއްމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނައިބު ތުއްތު

  ކީއްކުރާނީ މުއްސަދިންނަށް ހުރިތަންތަނުގެ އިސްތިހާރު ކުރުމުން އަހަރުމެންގެ ނިކަމެތިކަން ބޮޑަށް އިހްސާސްވޭ . ޝުކުރިއްޔާ ވަގުތު ...

  12
  • މޯޑް

   އެކަމާ ދެރަނުވާށެވެ.އިރާދަ ކުރެއްވިޔާ އަންނަންއޮތް ދުނިޔެއިން ގިނަފައިދާތަށް އޮތީ ނިކަމެތިންނަށެވެ.ރަގަޅާށް އުލޭށެވެ

 2. ސަރޭ

  ކިތަންމެ ބޮޑު އަގެން ނެގިޔަސް ތިފެންނަ ގޮޑިީ ގަ އިންނާކަށްފަސޭހައެއްނުވާނެ އަދި މޭޒުވެސް ކުޑަ. ހަމަ ޖެހިގެން ނީދެވޭނެ. ގޮޑި މޭޒު ބަދަލު ވެސް ކުރެވޭނެ ތާދޯ. ތިކޮމްޕީޓަރވެސް ޕެކޭޖު ގަންނަމީހާއަށް ލިބޭނެ ކަމަށް ދެކެން.