ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައި ހުރި ގެސްޓްހައުސްތައް ގާތްގަނޑަކަށް ހަތް މަސް ފަހުން ފަތުރުވެރިންނަށް ހުޅުވާލައިފިއެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ އާއި ރަށްރަށުގައި ހުރި ގެސްޓްހައުސްތައް ބަންދުކުރީ މިދިޔަ މާޗް 17 ވަނަ ދުވަހުއެވެ. ގެސްޓްހައުސްތައް ބަންދު ކުރި ނަމަވެސް، މީހުން ކަރަންޓީން ކުރުމަށާއި ކޮވިޑް-19 ޖެހޭ މީހުން ބޭތިއްބުމަށް ގެސްޓްހައުސްތައް ބޭނުން ކުރިއެވެ. އަދި ހުޅުމާލޭގެ ބައެއް ގެސްޓްހައުސްތައް މިހާރު ވެސް ކޮވިޑް-19 ޖެހޭ މީހުން ބައިތިއްބަން ބޭނުންކުރެއެވެ.

ކޮވިޑް-19 ގެ ހާލަތު މަޑު މަޑުން ރަނގަޅުވަމުން އަންނާތީ ނުވަ ރަށަކުން 16 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ މީހާރު ވަނީ ދީފައެވެ.

ގެސްޓްހައުސްތައް އަލުން ހުޅުވުން ފާހަގަ ކުރުމަށް ކ. މާފުށީގައި މިއަދު ވަނީ ހާއްސަ ހަރަކާތެއް ބާއްވައިފައެވެ. މި ހަރަކާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެން ފަތުރުވެރިންނަށް މަރުހަބާ ދަންނަވާފައިވެއެވެ.

މިނިސްޓަރު މައުސޫމް މިއަދު ކ. މާފުށީގައި. --- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވީ ގެސްޓްހައުސތައް އަލުން ހުޅުވާލުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު، 22 ގެސްޓް ހައުސްއަކުން ސްޓޭޑަޑް އޮޕަރޭޓިން ޕްރޮސިޖަ (އެސްއޯޕީ)ތައް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން މިހާތަނަށް ހުއްދަ ދިން ނުވަ ރަށުގެ ތެރޭގައި ހިމެނެނީ މާފުށީގެ އިތުރުން ހދ. ހަނިމާދޫ، ށ. ނަރުދޫ، ނ. ފޮއްދޫ، ކ. ހުރާ،އއ. މަތިވެރި، ވ. ތިނަދޫ، އަދި ވ. ފުލިދޫގެ އިތުރުން ތ. ގާދިއްފުއްޓެވެ.

ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި 600 އަށްވުރެ ގިނަ ގެސްޓް ހައުސް އެބަހުއްޓެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ އެނދުގެ ނިސްބަތައް ބަލާނަމަ 20 ޕަސެންޓެވެ. މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ 10 ޕަސެންޓު ޓޫރިސްޓުން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ. މިއީ 6،000 އަށްވުރެ ގިނަ ވަޒީފާގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީން ލަފާ ކުރެއެވެ.

ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދޭނީ ކޮވިޑް19 ސޭފް ޕްލޭން އެކުލަވާލާ ގެސްޓްހައުސްތަކަށް އެކަންޏެވެ. އެ ޕްލޭން ބަލައި ހުއްދަ ދޭނީ ރަށު ކައުންސިލުން ގެސްޓްހައުސް އަށް ގޮސް، ޕްލޭނާ އެއްގޮތަށް ހުރިތޯ ޗެކް ކުރުމަށް ފަހު ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ނަމައެވެ.

މާލެ ފިޔަވައި، ރާއްޖޭގެ ރަށްރަށުގެ ގެސްޓްހައުސްތައް އަލުން ހުޅުވާ އިރު، ގެސްޓްހައުސްތައް ހުޅުވާ ރަށްރަށުގައި ދިރިއުޅޭ އެންމެން ވެސް ގެއިން ބޭރަށް ނިކުންނައިރު މާސްކް އެޅުން މަޖުބޫރުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގައިޑްލައިން ވަނީ އާންމުކޮށްފައެވެ.

މިނިސްޓަރު މައުސޫމް މިއަދު ކ. މާފުށީގައި. --- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ގައިޑްލައިންގައި ހިމެނޭ އިތުރު ކަންތައްތަކަށް ބަލާއިރު ވަކި ހާއްސަ ހާލަތެއްގައި ނޫން ގޮތަކަށް ގެސްޓްހައުސް ހުޅުވާފައި ހުންނަ ރަށަކުން އެހެން ރަށަކަށް މީހުން ދަތުރު ކުރުން ވަނީ މަނާކޮށްފައެވެ. ގެސްޓްހައުސް ހުޅުވާފައި ހުންނަ ރަށަކުން އެހެން ރަށަކަށް ދަތުރު ކުރުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ޑޮކްޓަރަށް ދެއްކުމަށާއި، ބަލިވެފައިވާ އާއިލާ މީހަކަށް ޒިޔާރަތް ކުރުމަށާއި، ބޭންކްގެ ޚިދުމަތް ހޯދުމަށާއި، ސްކޫލަށް ދިއުމަށާއި، ކޮންމެހެން ގަންނަން ބޭނުންވާ އެއްޗެއް ގަތުމަށާއި، ކޯޓަށް ހާޒިރުވުމަށެވެ.

ގައިޑްލައިން ބުނާ ގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ މުވައްޒަފުންނާއި ރަށްރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިން "ޓްރޭސްއެކީ އެޕް" ވެސް ބޭނުން ކުރުން މަޖުބޫރު ވާނެއެވެ. އަދި ގެސްޓްހައުސްތަކަށް ޒިޔާރަތްތަކުރާ ފަތުރުވެރިންނާއި އަދި އެނޫން މީހަކު ވެސް ކަރަންޓީނަށް ނުވަތަ އައިސޮލޭޝަނަށް ދާންޖެހިއްޖެ ހާލަތެއްގައި އެ ފަރާތަކުން ހާލުބެލުން ޕޯޓަލްގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ގައިޑްލައިންގައި ބުނެފައި ވެއެވެ.

ފަތުރުވެރިންނަށް ރަށުގެ އާންމު ރައްޔިތުން ދިރިއުޅޭ ގެތަކަށް ދިއުން ވަނީ މަނާ ކޮށްފައެވެ. ނަމަވެސް އާންމުކޮށް ހުޅުވާފައި ހުންނަ ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތަކަށް ވަނުމަށް ފަތުރުވެރިންނަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ގައިޑްލައިން ބުނެއެވެ. ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ކެފޭތަކުގައި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަންކަން އިންތިޒާމް ކޮށްފައި ބެހެއްޓުމަށް ގައިޑްލައިންގައި ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތަމެންދޯ

    ޓޫރިސްޓުން ގެންނަން ޗައިނާއާ އެކު މަޝްވަރާ އެބަ ކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މައުސޫމު ވިދާޅުވާނަމަ ރައީސް އިބޫގެ ސަރުކާރުން އެބަޖެހޭ ސަރުކާރުގެ މިނިސްޓަރުންނަކީ އެއީ ދެން ވަރަށް ޒިންމާދާރު މިނިސްޓަރުންނަށް ވާން އެމެންގެ މައިގަނޑު މަގްސަދަކަށް ވާން ޖެހޭނީ މަގާމް ދިފާއު ކުރުމެއް ނޫނޭ ބަދަލުގައި ގައުމާއި ރައްޔިތުންނަށް ފައިދާ އާއި ލާބަ އާއި މަންފާ ހުންނަ ގޮތަށް އެމެންގެ ބަސްމަގު ހުންނަން ޖެހޭނީ އެގޮތުން އެބަޖެހޭ މިރާއްޖޭގެ އިކޮން މިނިސްޓަރު ބަދަލުކުރަން އެބަޖެހޭ ރާއްޖޭގެ އިގްތިސާދު އަރުވަން ބޭނުންނަމަ...

  2. ނުފޮނުވާނެއޭ

    ޓޫރިސްޓުން އެންމެ ގިނައިން އަންނަނީ ޗައިނާ އިން ޖެނުއިން ކޮށް ރާއްޖެ އަށް ހިލޭ އެހީ އާއި އަދި ލޯން އެހީ އެންމެ އަވަސް މިނުގައި ދެނީ ޗައިނާ އިން ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާ ގޮތަށް އެއްވެސް ކަމެއް ނުކުރަނީ ޗައިނާ އިން އެކަމަކު މަޖްލީހުގެ ރައީސް އަދި އިކޮން މިނިސްޓަރު އެކުލެވޭ ގޮތަށް ގްރޫޕްސް ތައް ހަދައިގެން ޗައިނާ އާއި އެކު ދިވެހިސަރުކާރުން ވެފައިވާ އެފްޓީއޭ އެއްބަސްވުން އޮޅާލާނެ ކަމަށް އެމެން ބުނުން ދެން ޗައިނާ އިން ގެސްޓުން ފޮނުވާނެެތޭ

  3. ދޭޑޯންޓް

    ޓޫރިޒަމް މިނިސްޓަރު އެބަޖެހޭ ޑެޑް ސީރިއަސް ކޮށް ރާއްޖޭގެ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތި އާއި އަދި މަތީ ފަންތީގެ ވަޒީފާ ތައް ދިވެހިންނަށް ޚާއްސަ ކުރަން މަސައްކަތެއް ކުރަން އެކަމަށް ވަކި ޑިޕާރޓްމެންޓެއް ޓޫރިޒަމް މިނިސްޓްރީ ތެރޭގައި ހަދައިގެންނަމަވެސް ފުރަތަމަ ކުރަންވީ ކަމަކީ ރާއްޖޭގެ ރިސޯރޓްސް ތައް އިންސްޕެކްޓް ކުރަން ތާރޑް ޕާރޓީ ތަކާއި ހަވާލު ކުރަންވީ އެކަން ޓޫރިޒަމް މިނިސްޓްރީން ކުރަނީ އަމާބުނީތީ ފަރަށްދާ އުސޫލުން އޯލް އައިވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް...