ރާއްޖޭގައި މިހާތަނަށް ޤާއިމް ކުރި އެންމެ ބޮޑު ގެސްޓު ހައުސް "ކާނި ޕާމް ބީޗް" މާފުށީގައި ހުޅުވައިފިއެވެ.

މިއަދު ހެނދުނު ކ. މާފުށީގައިި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ގެސްޓު ހައުސް ހުޅުވާދެއްވާފައި ވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއެވެ.

އެ ގެސްޓް ހައުސްއަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ގެސްޓު ހައުސްތައް ބަންދު ކޮޮށްފައި ހުރުމަށްފަހު އަލުން ހުޅުވި ފުރަތަމަ ގެސްޓު ހައުސްކަން ފާހަގަކޮށްލެވެއެވެ. މިއަދުން ފެށިގެން ރާއްޖޭގެ ގެސްޓް ހައުސްތައް ހުޅުވާލަން ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ނިންމަވާފައެވެ.

މި ގެސްޓު ހައުސް ނިސްބަތްވަނީ ރާއްޖޭގައި ކާމިޔާބު ކަމާއި އެކު ލޯކަލް ޓޫރިޒަމް ހިންގަމުން އަންނަ ކާނި ހޮޓެލްސް އެންޑް ޓުއާސްއަށެވެ.

މުޅި އެކު ޖުމުލަ ދުއިސައްތަ ފަންސާސް އެނދު އެކުލެވޭ މި ގެސްޓު ހައުސް އިމާރާތްކޮށްފައި ވަނީ 12 ފަންގި ފިލާ ހިމެނޭ ގޮތަށެވެ.

އަދި އެ ގެސްޓް ހައުސް އަށް ހަރަދުވި ޖުމުލަ އަދަދަީ، ހަތަރު މިލިއަން ޑޮލަރު (61.68 މިލިއަން ރުފިޔާ) ކަމަސް ކުންފުނީގެ ސީއީއޯ އަބްދުﷲ ނާޝިދު ފާހަގަކުރައްވައެެވެ.

އެ ގެސްޓު ހައުސްގައި ރޫފް ޓޮޕް އިންފިނިޓީ ޕޫލަކާއި، ދެ ރެސްޓޯރެންޓްގެ އިތުރުން، ސެލޫނަކާއި، 130 މީހުންގެ ޖާގައިގެ ބެންކުއެޓް ހޯލެއް އަދި ސްޕާއެއްވެސް ހުރެއެވެ.

ކާނި ހޮޓެލްސް އިން ފަތުރުވެރިންނަށް އަމާޒުކޮށްގެން ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށް ބަލާއިރު ކާނި ބީޗް ހޮޓަލާއި ކާނި ގްރޭންޑް ސީވިއު އާއި ކާނި ލޮޖް އަދި ކާނި ވިލެޖް އެންޑް ސްޕާ ހިމެނެ އެވެ.