ކޮވިޑް-19އާ ގުޅިގެން ބަންދުކޮށްފައިވާ ގެސްޓް ހައުސްގެ ވިޔަފާރިތައް އަލުން ހުޅުވަން ހުއްދަ ދިންފަހުން މިއަދާއި ހަމައަށް ނުވަ ރަށެއްގެ 29 ގެސްޓް ހައުސް ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 29 ގެސްޓް ހައުސްގެ ތެރެއިން 20 ގެސްޓް ހައުސް ހުޅުވުމަށް އެ މިނިސްޓްރީން ހުއްދަ ދީފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެއް ގެސްޓްހައުސް މިމަހުގެ 23 ގައި ހުޅުވުމަށް ހުއްދަ ދީފައިވާއިރު، 16 ވަނަ ދުވަހުވެސް ގެސްޓްހައުސް އެއް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި 17 ވަނަ ދުވަހު ހަތަރު ގެސްޓްހައުސް އެއް ހުޅުވުމުގެ ހުއްދަ ދީފައިވާއިރު، އިއްޔެ ހުޅުވުމުގެ ހުއްދަ ދީފައިވަނީ ތިން ގެސްޓްހައުސް އަކަށެވެ.

ގެސްޓް ހައުސް ހުޅުވުމުގެ ހުއްދަ ދީފައިވާ ރަށްތައް

  • ނ. ފޮއްދޫ
  • ކ. ހުރާ
  • ވ. ފުލިދޫ
  • ވ. ތިނަދޫ
  • އއ. މަތިވެރި
  • ކ. މާފުށި
  • އއ. ތޮއްޑޫ
  • އއ. އުކުޅަސް
  • ކ. ގުރައިދޫ

ކޮވިޑް-19ގެ ސަބަބުން ގެސްޓްހައުސްތައް ބަންދު ކުރުމަށްފަހު އަލުން ހުޅުވާލަން ނިންމާފައިވަނީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްފަހުއެވެ. އެގޮތުން ބަލާއިރު، އެރަށްތަކަށް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދީފައިވަނީ ރަށުފެންވަރުގައި ފުރިހަމަކުރަންޖެހޭ ކަންތައް ފުރިހަމަ ކުރުމުންނެވެ.

އޭގެ ތެރޭގައި ރަށުގައި ފްލޫ ކްލިނިކެއް ހުރުމާއި، ބަލި ޖެއްހިއްޖެ ހާލަތެއްގައި ފަރުވާ ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. މީގެއިތުރުން ގެސްޓްހައުސްތައް ހުޅުވާ ރަށްތަކުގައި އާންމުން ހިމެނޭ ގޮތަށް މާސްކު އެޅުން ވެސް ވަނީ މަޖުބޫރު ކޮށްފައެވެ.