އެއްވެސް މުޢާމަލާތެއް ނުކޮށް ނުވަތަ ބޭންކަން ލިޔުމަކުން އެކަން އަންގާފައިނުވާ، ފަސް އަހަރު ދުވަސް ވެފައިވައިވާ އެކައުންޓްތަކުގައިވާ ފައިސާތައް ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ނަގާނެކަން އަންގައި އެ ފަރާތްތަކަށް ނޯޓިސް ދީފިއެވެ.

އެޗްއެސްބީސީން އިއްޔެ ސަރުކާރުގެ ގެޒެޓުގައި ޝާއިރުކޮށްފައިވާ ނޯޓިސްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގެ ސެކްޝަން 35 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެކައުންޓުން އެއްވެސް މުޢާމަލާތެއް ނުކޮށް ނުވަތަ ބޭންކަން ލިޔުމަކުން އެކަން އަންގާފައިނުވާ، ފަސް އަހަރު ދުވަސް ވެފައިވައިވާ އެކައުންޓުތަކަކީ "ޑޯމަންޓް އެކައުންޓް" ތަކުގެ ގޮތުގައި ބެލެވޭނެ ކަމަށާއި، އެޗްއެސްބީސީ-މާލެ ބްރާންޗުގައި "ޑޯމަންޓް އެކައުންޓް" އެއް އޮތް ކަސްޓަމަރެއްނަމަ އެންމެ ފަހުން ބޭންކަށް ދީފައިވާ އެޑްރެހަށް އެ މައުލޫމާތު ފޮނުވާފައިވާނެ ކަމަށެވެ.

"މި ނޯޓިސް ނޫހުގައި ޝާއިޢު ކުރާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، އެކައުންޓުގައި ހުރި ފައިސާއާ ޙަވާލުނުވާނަމަ، އެ ފައިސާއެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް، ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނުނުގައިވާ ގޮތުގެ މަތިން ފޮނުވާނެ ވާހަކަ ދަންނަވަމެވެ." އެޗްއެސްބީސީ، މާލެ ބްރާންޗުން ނެރެފައިވާ ނޯޓިސްގައި ބުނެފައިވެއެވެ.

"ޑޯމަންޓް އެކައުންޓް" އެއްގެ ގޮތުގައި ބެލުމުގެ ފުރުޞަތު ނުދިނުމަށްޓަކައި، މިފަދަ އެކައުންޓެއްގެ ވެރިފަރާތް، އެފަރާތުގެ އައިޑެންޓިފިކޭޝަން ކާޑުގެ ކޮޕީއާއެކު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އާއި މެންދުރުފަހު 02:00 އާ ދެމެދުގެ ވަގުތެއްގައި ބޭންކަން ވަޑައިގެން މިކަން ހައްލު ކުރެއްވުމަށްވެސް އެ ބޭންކުން އެދިލައްވައެވެ.

"ޑޯމަންޓް އެކައުންޓް" އެއްގެ ގޮތުގައި ބެލެވި، އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް އެމްއެމްއޭ އަށް ފޮނުވުމުގެ ކުރިން މައްސަލަ ހައްލު ކުރުމަށް ދީފައިވާ މުއްދަތު 2018 ޖުލައި 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ހަމަވާއިރު، އެ ބޭންކުގައި "ޑޯމަންޓް އެކައުންޓް" އެއްގެ ގޮތުގައި ބެލެވިފައިވާ 49 އަމިއްލަ ފަރާތްތަކުގެ އެކައުންޓާއި، 05 ކޯޕަރޭޓް އެކައުންޓް ފާހަގަކުރެވިފައިވެއެވެ.