ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފާސްޓް ފުޑް ރެސްޓޯރެންޑް ބާގާ ކިންގ އިން އަންނަ އަހަރުން ފެށިގެން ރީޔޫޒަބަލް (އެއްފަހަރަށްވުރެ ގިނަ ފަހަރަށް ބޭނުންކުރެވޭ) ތަށި ބޭނުންކުރަން ފަށާނޭ ކަމަށް އެ ޗެއިން އިން ބުނެފި އެވެ. ބާގާ ކިންގ ޗެއިން އިން ބުނީ އެ ޗެއިންގެ ރެސްޓޯރެންޓް ތަކުގައި ބޭނުންކުރާ އެކި ވައްތަރުގެ ބުއިންތައް އަޅަން ބޭނުންކުރާ ތައްޓާއި ކާއެއްޗެހި އަޅަން ބޭނުންކުރާ ތަށިތައް ރީޔުޒަބަލް ކުރަނީ ޕްލާސްޓިކް މަދުކުރަން އެ ޗެއިންއިން ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

ބާގާ ކިންގ ޗެއިން އިން ބުނީ ރީޔޫޒަބަލް ތަށިތައް ބޭނުންކުރާ ފަރާތްތަކަށް ފުރަތަމަ ތަށިތައް ގަތުމުން ވަކި ވަރަކަށް ޗާޖުކުރާނެ އެވެ. އަދި އަނބުރާ އެ ތަށިތައް ގެނައުމުން ކުރިން ތަށިތަކަށް ޗާޖުކުރި ލާރި އެފަރާތްތަކަށް ލިބޭނޭ ކަމަށް އެ ޗެއިން އިން ބުނެއެވެ. ރީޔޫޒަބަލް ތަށިތައް އަނބުރާ ގެނައުމުން އެ ތަށިތައް ވަކި ގޮތަކަށް ސްކޭން ކުރެވޭނެ ކަމަށްވެސް އެ ޗެއިން އިން ބުނެއެވެ.

ބާގާ ކިންގ އިން ވަނީ ވޭސްޓް މެނޭޖްމެންޓް ފާމްއެއް ކަމަށްވާ ޓެރާ ސައިކަލް އިންކް އާއި އެކު މަސައްކަތް ކުރަން ނިންމާފަ އެވެ. އެ ކުންފުނިން އުފައްދާ ތަށިތަކަކީ މުޅިންވެސް ރީޔޫޒަބަލް ތަށިތަކެވެ. އަދި އެ ކުންފުނިން އުފައްދާ ތަށިތައް ދޮވުމަށް ފަސޭހަވެފައި ގިނަ ދުވަހަށް ބޭނުން ކުރެވޭނެ އެވެ. ބާގާ ކިންގ ގައި ބޭނުންކުރާ ތަށިތައް އުފައްދަނީ ކޮންކަހަލަ މައުދަނަކުން ކަމެއް އަދި ކަނޑަނާޅަ އެވެ.

އަންނަ އަހަރުގެ މެދުތެރޭގައި ފަށާ މި ޕައިލެޓް ޕްރޮގްރާމުގައި ފުރަތަމަ މިތަށިތައް ބޭނުންކުރާނީ ނިއުޔޯކް ސިޓީ، ޕޯލެންޑް، އޮރެގޮން އަދި ޓޯކިއޯގެ ރެސްޓޯރެންޓް ތަކުގައި އެވެ. ބާގާ ކިންގް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ބޭނުންކުރާ ހުރިހާ ރީޔޫޒަބަލް ތައްޓެއްވެސް ސާފުކުރާނީ އެންމެ ރައްކާތެރި ގޮތުގައި ކަމަށެވެ.

ރާއްޖޭގައި ބާގާ ކިންގް ގެ ދެ ރެސްޓޯރެންޓް ހުރެއެވެ. މި ތަންތަން ހުންނަނީ މާލޭގައި އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އެވެ.