ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ދެ ގައުމު ކަމަށް ޗައިނާ އާއި އިޓަލީގެ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

ރާއްޖެއަށް މިއަހަރުގެ ތެރޭގައި ދަތުރުތައް ފަށަން ނިންމާފައިވާ އެއާލައިންތަކުގެ ލިސްޓެއް ޓުއަރިޒަމް މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ. އޭގައި ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ދަތުރު ފަށާނެ ކަމަށް ބުނެފައިވާއިރު، އޭގެ ތެރޭގައި ޗައިނާ ސަދަން އެއާލައިންސް އާއި އިޓަލީގެ ނިއޯސް ހިމެނެއެވެ.

މި ދެ އެއާލާއިނުންވެސް މީގެ ކުރިން ރާއްޖެއަށް ދަތުރުކޮށްފައި ވެއެވެ.

މީގެ އިތުރުން ރާއްޖެއަށް އަލުން ފަށަން ތައްޔާރުވެފައިވާ އިތުރު އެއާލައިންތަކަށް ބަލާއިރު، ރަޝިއާގެ އަޒުރް އެއާ އާއި، އެ ގައުމުގެ ލެއިޒާ އެއާލައިން ނޯރޑް ވިންޑާއި، އިންޑިއާ ލޯ ކޯސްޓް އެއާލައިނެއް ކަމަށްވާ ގޯ އެއާ އާއި، ދުބާއީގެ އެއާލައިނެއް ކަމަށްވާ ގަލްފް އެއާ އާއި ޖަރުމަންގެ އެއާލައިނެއް ކަމަށްވާ ލުފްތަންސާ އާއި އޮސްޓްރޭލިއާގެ އެއާލައިނެއް ކަމަށް އޮސްޓްރޭލިއަން އެއާލައިން އިން ހިމެނެއެވެ.

މި އެއާލައިންތަކުން ރާއްޖެއަށް ދަތުރު ފަށާނެ ކަމަށް ބަޔާންކޮށްފައި ވަނީ އަންނަ ނޮވެމްބަރު މަހާއި، ޑިސެމްބަރު މަސް ތެރޭގައެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ސީޒަން ފެށިގެން ކުރިއަށްދާއިރު، އިތުރު ފަތުރުވެރިންތަކެއް ރާއްޖެ އައިސް، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާނެ ކަމުގެ އުއްމީދު ބޮޑެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ހުޅުވާލި ފަހުން، ރާއްޖެެއަށް މިހާރުވެސް، 12 އިންޓަނޭޝަނަލް އެއާލައިނަކުން ދަތުރު ކުރެއެވެ. އޭގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު އެއާލައިންތައް ހިމެނެއެވެ.

މި އެއާލައިންތަކުން އިއްޔެ އާއި ހަމައަށް ރާއްޖެއަށް 41،571 މީހަކު އައިސްފައިވާއިރު، 958 ފްލައިޓް މޫވްމެންޓްސް ރެކޯޑް ކުރެވިފައި ވެއެވެ.