ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންނަށް ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެެއިޑް ކާޑުގެ ޕިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އަމިއްލައަށް ވަގުތުން ބަދަލުކޮށްލެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިން ބުނީ، އެ ބޭންކުން ދެމުންގެންދާ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް، ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ސްޓްރެޓެޖީގެ ދަށުން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން މިއަދު ޑިޖިޓަލް ޕިންގެ ހިދުމަތް ތައާރަފްކޮށްފައިވާ ކަމަށެވެ.

މިއާއެކު ކާޑުގެ ޕިން ހޯދުމަށް ބޭންކަށް ޒިޔާރަތްކުރަން ނުޖެހި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބޭންކުގެ އިންޓަރނެޓް ބޭންކިން މެދުވެރިކޮށް ރައްކާތެރިކަމާއެކު ކާޑުގެ ޕިން ކަނޑައަޅައި އަދި ބަދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ހިދުމަތާއެކު ރާއްޖޭން ބޭރުގައި ދިރިއުޅޭ ކަސްޓަމަރުންނަށްވެސް ޕޯސްޓް މެދުވެރިކޮށް ޕިން ހޯދުމަށް މަޑު ކުރަންނުޖެހި ވަގުތުން ކާޑުގެ ޕިން ބަދަލުކުރެވޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ، ޑިޖިޓަލް ޕިންގެ ހިދުމަތް ތައާރަފް ކުރެވިގެންދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަަމަށާއި، މިއީ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަގުޗާޓާ އެއްގޮތްވާގޮތުގެ މަތީން ތައާރަފްކުރެވުނު ހިދުމަތެއް ކަަމަށެވެ.

އޭނާ ވަނީ އެ ބޭންކުގެ ގިނަ ހިދުމަތްތަކެއް އޮންލައިން ކުރެވިފައިވާކަން ފާހަަގަކޮށްފައެވެ. މީގެ ތެރޭގައި އިންޓަރނެޓް ބޭންކިންގ އަށް ރަޖިސްޓްރީވުމާއި ބޭންކުން އަލަށް ތައާރަފްކުރި އޮންލައިން ކިއުގެ ހިދުމަތް ހިމެނެެއެވެ.

"ޑިޖިޓަލް ޕިންގެ ހިދުމަތާއެކު މިހާރު ދޫކުރާ ގޮތައް ކަރުދާހުގައި ދޫކުރެވޭ ޕިން ލިބުމަށް ނަގާ ވަގުތު ސަލާމަތްވެ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް ފަސޭހަވެހެން ދާނެ."

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 61 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 124 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު