އޮސްޓްރިއާގެ އޮސްޓްރިއަން އެއާލައިންސް އިން ރާއްޖެއަށް ދަތުރު ފަށައިފިއެވެ.

އޮސްޓްރިއަން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފެށުމާއި އެކު މިއީ ކޮވިޑު-19ގެ ހާލަތާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް ދަތުރުފެށި ބައިނަލްއަގުވާމީ 12 ވަނަ އެއާލައިނެވެ.

އޮސްޓްރޭލިއަން އެއާލައިންސް އިން ރާއްޖެއަށް ކޮންމެ ހަފްތާއަކު ދެ ދަތުރު ކުރުމަށް ވަނީ ނިންމާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޮޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ރާއްޖެއަށް ގިނަ އެއާލައިންސްތަކުން ވަނީ ދަތުރު ކުރަން ފަށާފައެވެ.

ކުރިއަށް އޮތްތަނުގައިވެސް ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ދަތުުރު ފަށަން ތައްޔާރުވެފައިވާއިރު، މިހާރު ރާއްޖެއަށް ދަތުރު ކުރާ ބައެއް އެއާލައިންތަކުން ވަނީ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމައިފައެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލިފަހުން މިމަހުގެ 21ގެ ނިޔަލަށް 31،801 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައިވެއެވެ. އެގޮތުން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިން ކަން ފާހަގަ ކޮށްލެވެއެވެ. ސަރުކާރުގެ އަމާޒަކީ ކޮވިޑު-19ގެ ހާލަތުގެ ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ލައްކަ އަކަށް އެރުވުމެވެ.

ކޮވިޑް-19 އާ ގުޅިގެން ހުއްޓިފައި އޮތް ރާއްޖޭގެ ފަތުރުވެރިކަން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، މިއަދު ހަތަރު އަތޮޅެއްގެ ހަ ރަށެއްގައި ގެސްޓް ހައުސްތައް ހިންގުމުގެ ހުއްދަ އަލުން ވަނީ ދީފައެވެ.