ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ)އަށް މި ހިނގާ އޮކްޓޯބަރު މަހުގެ މިހާތަނަށް 126 ޕްރައިވެޓް ޖެޓް ޖައްސާފައިވާ ކަމަށް އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.
އެމްއޭސީއެލުން ބުނީ، މި އަދަދަކީ މިދިޔަ މަހާ އަޅާބަލާއިރު، 52 އިންސައްތަ އިތުރު އަދަދެއް ކަމަށާއި ދުވަހުން ދުވަހަށް އެއާޕޯޓަށް ޖައްސާ ޕްރައިވެޓް ޖެޓްތަކުގެ އިންސައްތަ އިތުރުވަމުން އަންނަ ކަމަށެވެ.
ކޮވިޑް-19ގެ ސަބަބުން ބޯޑަރު ބަންދު ކުރުމަށްފަހުން އަލުން ހުޅުވާލި ޖުލައި މަހުގައި ވެލާނާ އެއާޕޯޓަށް ޖައްސާފައިވަނީ 28 ޖެޓެވެ. އޮގަސްޓް މަހުގެ ތެރޭގައި 59 ޖެޓު ޖައްސާފައިވާއިރު، ސެޕްޓެމްބަރު މަހުގެ ތެރޭގައި ޖައްސާފައިވަނީ 60 ޖެޓު ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.
ޕްރައިވެޓް ޖެޓްތަކުގެ އިތުރުން އެކި ގައުމުތަކަށް ނިސްބަތްވާ މަތިންދާ ބޯޓުތަކުން ރާއްޖެއަށް ދަތުރުތައް އަލުން މި ވަނީ ފަށާފައެވެ. އަދި އެގޮތުން މިމަހުގެ ތެރޭގައިވެސް ބައެއް އެއާލައިނުން ވަނީ ރާއްޖެއަށް ދަތުރުތައް އަލުން ފަށާފައެވެ.
އޭގެ ތެރޭގައި އޮސްޓްރިއަން އެއާލައިންސް، ބްރިޓިޝް އެއާލައިންސް ފަދަ އެއާލައިންތައް ހިމެނެއެވެ.
ކުރިއަށް އޮތީ ކްރިސްމަސް އާއި އާއަހަރު ކަމަށްވާތީ، ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތަކާއި ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ޖެޓްތައް އަންނަ ވަރަށް ވެލާނާ އެއާޕޯޓްގައި ޕާކު ކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފައެވެ..
ކޮންމެ އަހަރެއްގެވެސް އާ އަހަރާ ދިމާކޮށް ވެލާނާ އެއާޕޯޓަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ވަރަށްބޮޑަށް އިތުރުވެގެންދެއެވެ. އެގޮތުން ބައެއް ދުވަސްތަކުގައި 15 ޖެޓްވެސް ޖައްސާކަމަށް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.
ތި ހުރިހާ ލާރިއެވެސް ކާލާތަން ދެންފެންނާނީ ވަގު ސަރުކާރުން