ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 31،000 އަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ފަތުރުވެރިކަމާ ގުޅުން ހުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ބޯޑަރު ކޮވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލި ދުވަސް ކަމުގައިވާ ޖުލައި 15 އިން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 31،852 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ޖުލައި މަހުގެ ބާކީ 15 ދުވަހުގެ ތެރޭގައި ރާއްޖެ އައިސްފައި ވަނީ 1،752 ފަތުރުވެރިން ކަމަށާއި، އޮގަސްޓު މަހުގެ ތެރޭގައި ޖުމްލަ 1،628 ފަތުރުވެރިން އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި 9،538 ފަތުރުވެރިން އައިސްފައިވާ ކަމަށް އެމިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ބޯޑަރު ހުޅުވާލި ފަހުން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން ވޭތުވެދިޔަ ހުރިހާ މަހަކަށްވުރެ މި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ގިނަ ކަމަށާއި، މިމަހުގެ 21 ވަނަ ދުވަހާއި ހަމަޔަށް 12،934 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ކަމަށް އެ މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

މިމަހުގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމުތަކަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ރަޝިއާ އިން ކަމަށާއި، ރަޝިއާ އިން އެކަނި ވެސް ރާއްޖެއަށް 6،026 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެ މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

ދެ ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ ޔޫއޭއީ އިން ކަމަށާއިި، ޔޫއޭއީ އިން މިމަހުގެ ތެރޭގައި 3،377 ފަތުރުވެރިން އައިސްފައިވާ ކަމަށް އެމިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ. ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އެމެރިކާއިންނެވެ. އެމެރިކާއިން ރާއްޖެ އަަށް ޒިޔާރަތްކޮށްފައި ވަނީ 2،795 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިމަހުގެ ތެރޭގައި ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އިނގިރޭސިވިލާތް، ސްޕެއިން، ޖަރުމަނުވިލާތް، ފްރާންސް، ޔޫކްރެއިން، ބްރެޒިލް އަދި އިންޑިއާއިންނެވެ.