މިހާތަނަށް 38 ގެސްޓު ހައުސްއެއް ހުޅުވުމުގެ ހުއްދަ ދީފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީ އިން ވިދާޅުވެއްޖެ އެވެ.

ޓުއަރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިމަހުގެ 26 ވަނަ ދުވަހާއި ހަމަޔަށް ހަތަރު އަތޮޅެއްގެ 10 ރަށެއްގައި ހިންގަމުން އަންނަ 38 ގެސްޓުހައުސް އެއް ހުޅުވުމަށް ވަނީ ހުއްދާ ދީފައެވެ.

ގެސްޓު ހައުސްތައް ބަންދުކޮށްފައި ވަނީ މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން އެޅި ރައްކާތެރި ފިޔަވަޅެއްގެ ގޮތުންނެވެ. ގެސްޓު ހައުސްތަށް ބަންދުކޮށްފައި ވަނީ މިއަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހުގެ އެވެ. އަލުން ގެސްޓް ހައުސްތައް ހުޅުވުމަށް ޓުއަރިޒަމް މިނިސްޓްރީ އިން ހުއްދަ ދޭން ފަށާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ގެސްޓު ހައުސް ހުޅުވުމަށް ހުއްދަ ދީފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ، ނ. ފޮއްދޫ، ކ. ހުރާ، ކ. މާފުށި، ކ. ގުރައިދޫ، އއ. މަތިވެރި، އއ. އުކުޅަސް، އއ. ތޮއްޑޫ، އއ. ރަސްދޫ އަދި ވ. ތިނަދޫގެ އިތުރުން ވ. ފުލިދޫގައެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ގެސްޓުހައުސް ހުޅުވުމުގެ ހުއްދަ ދޫކޮށްފައި ވަނީ ތޮއްޑޫ، މާފުށި އަދި ހުރާގައެވެ.

ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަދެމުން ގެންދަނީ ޝަރުތުތަކެއް ފުރިހަމަ ކުރުމުންނެވެ. އެގެސްޓްހައުސްތަށް ހުޅުވުމުގެ ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުގައި ބުނެފައި ވަނީ، އެ ހުއްދަ ހުއްދަ ދޭނީ ކައުންސިލްގެ ވެސް ހުއްދައާއި އެކުގައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމާއި އެކު މަޑުމަޑުން ފަތުރުވެރިކަން އަންނަނީ ރަނގަޅު ވަމުންނެވެ. މިހާރު ރާއްޖެ އަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރު ވަމުން އަންނާތީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ވަމުން ދާނެ ކަމަށް އުއްމީދު ކުރެވެއެވެ.