މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައި އޮތުމަށް ފަހު ހުޅުވާލި ފަހުން އައްޑޫ އަށް އަލަށް ފަތުރުވެރިއަކު ޒިޔާރަތްކޮށްފިއެވެ.

އައްޑޫއަށް ފުރަތަމަ ޒިޔާރަތްކުރި ފަތުރުވެރިއާ ގޮސްފައި ވަނީ، މިއަދު ހެނދުނު 9 ޖެހި ފަހުންނެވެ. އައްޑޫ އަކީވެސް ކޮވިޑް-19 އިގެ ކުރިން ފުޅާ ދާއިރާއެއްގައި ލޯކަލް ޓުއަރިޒަމް ކުރިއަށް ގެންގޮސް އެކަމުން މަންފާ ހޯދާފައިވާ އަތޮޅެކެވެ. މިއީ ވޭތުވެދިޔަ 7 މަހަށްފަހު އައްޑޫއަށް ފަތުރުވެރިއަކު ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.

އެހެންކަމުން މިހާރު އައްޑޫގެ ލޯކަލް ޓުއަރިޒަމް މި ވަނީ ފެށިފައެވެ.

މިމަހުގެ 15 ވަނަ ދުވަހުން މިހާތަނަށް ވަނީ 10 ރަށެއްގައި ގެސްޓު ހައުސް ހުޅުވުމުގެ ހުއްދަ ދީފައެވެ.

ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަދެމުން ގެންދަނީ ޝަރުތުތަކެއް ފުރިހަމަ ކުރުމުންނެވެ. އެގޮތުން ގެސްޓްހައުސްތަށް ހުޅުވުމުގެ ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުގައި ބުނެފައި ވަނީ، އެ ހުއްދަ ހުއްދަ ދޭނީ ކައުންސިލްގެވެސް ހުއްދައާއި އެކުގައެވެ.

ގެސްޓް ހައުސްތަައް ހުޅުވުމުގެ ހުއްދަ އަދި ދީފައި ވަނީ މާލެ ސަރަހައްދު ފިޔަވާ އެހެން ހިސާބުތަކުގައެވެ. މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވޭނީ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ މިންވަރު ފަސް އިންސައްތައް އަށް ދަށްވެއްޖެނަމަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ވިދާޅުވެފައެވެ.

ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ރިސޯޓުތަކުގެ ފަތުރުވެރިކަން ވަނީ ފަށާފައެވެ. ޖުލައި މަހުން ފެށިގެން މިމަހާއި ހަމަޔަށް ކޮންމެ މަހަކުވެސް ފަތުރުވެރިކަން އަންނަނީ ކުރިއަށްވުރެ ރަނގަޅުވަމުންކަން ފާހަގަކޮށްލެވެއެވެ.