އއ. އުކުޅަހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ހުޅުވައި މިއަދު ހިދުމަތް ދޭން ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ، މިއަދު ހުޅުވި މި އޭޓީއެމް ސެންޓަރ މެދުވެރިކޮށް ފައިސާ ނެގުމުގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

އަދި މި ހިދުމަތާއެކު އއ. އަތޮޅުގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް ތިން ރަށަކުން ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މީގެ އިތުރުން ބޭންކުން އަންނަނީ ރަސްދޫގައި ބްރާންޗްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

ބީއެމްއެލް އިން ބުނީ، 24 ގަޑިއިރު ހިދުމަތް ދިނުމަތް ހަމަޖެހިފައިވާ މި ސެންޓަރުގައި އެންމެ ޒަމާނީ ހިދުމަތްތައް އެކުލެވިގެންވާ އޭޓީއެމް އެއް ބެހެއްޓިފައިވާނެ ކަމަށެވެ.

ކަސްޓަމަރުންނަށް އަމިއްލަ ރަށުގައި ތިބެ ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްކުރުމާއި ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަހިކުރުމަށް ބޭންކުން ދަނީ މެދު ކެނޑުމެއްނެތި މަސައްކަތްކުރަމުންނެވެ. މި ގޮތުން ދާދި ފަހުން ބީއެމްއެލް އިން ވަނީ ނ. ކެނދިކުޅުދޫ، ތ. ތިމަރަފުށި އަދި އއ. ތޮއްޑޫގައިވެސް އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށާފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 62 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 125 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
29 އޮކްޓޯބަރ 2020

ކިޔުންތެރިންގެ ހިޔާލު