މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ވެސް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ސާފު ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެސްޓީއޯ އަކީ ސަރުކާރުގެ އެންމެ ބޮޑު ކުންފުންޏެވެ. އެސްޓީއޯ އިން އާންމުކޮށްފައިވާ އެކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ވަނީ 100 މިލިއަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 94 މިލިއަން ރުފިޔާއެވެ. މިއީ ގާތްގަނޑަކަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އާއި އަޅައި ބަލާއިރު ފަސް އިންސައްތަ އިތުރު ވުމެކެވެ.

އެސްޓީއޯ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުން ދައްކާ ގޮތުގައި އެކުންފުނިން މިއަހަރުގެ މިހާތަނަށް 1.2 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައި ވެއެވެ. އަދި އޭގެ ތެރެއިން އެންމެ ބޮޑު ވިޔަފާރިއެއް ކޮށްފައި ވަނީ ތެލުން ކަމަށާއި، ތެލުން އެކަނިވެސް 818 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްފައިވާކަމަށް އެކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޓެކުހަށް ނުކަނޑާ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ އަށް ލިބެނީ 119 މިިލިއަން ރުފިޔާއެވެ. މީގެ އިތުރުން ކުންފުނި ހިންގުމުގެ ފައިދާގެ ގޮތުގައި 120 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެސްޓީއޯ އިން ވަނީ ހާމަކޮށްފައެވެ. މި ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާއިން ޓެކުހުގެ ގޮތުގައި ކަނޑާފައި ވަނީ 19 މިލިއަން ރުފިޔާ އެވެ.

އެކުންފުނީގައި މަސައްކަތް ކުރަމުން އަންނަނީ 2،057 ދިވެހިންނެވެ. އެއީ އެކުންފުނީގެ މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ ބޮޑު ބައެއް ކަމަށާއި، އެސްޓީއޯގައި މަސައްކަތް ކުރަނީ ހަމައެކަނި 391 ބިދޭސީން ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު