ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ބަލައިގަތުމަށް ޚާއްސަކޮށްފައިވާ މީރާގެ އޮންލައިން ޚިދުމަތް "ވާރުޕޭ" އިން އުރީދޫ "އެމް-ފައިސާ" މެދުވެރިކޮށް ފައިސާ ދެއްކުމުގެ ޚިދުމަތް ހަމަޖައްސައިފިއެވެ.
މި ޚިދުމަތް ތައާރަފުކުރުމަށް މީރާގައި ބޭއްވި ހަފްލާގައި އެކަމުގެ އެއްބަސްވުމުގައި މީރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، އަލްފާޟިލާ އަސްމާ ޝަފީޢ އެވެ. އުރީދޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް ނަޖީބް ޚާންއެވެ.
މީރާއިން ބުނީ، މި ޚިދުމަތަކީ މީރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކޮށްފައިވާ ޚިދުމަތެއް ކަމަށެވެ.
އަދި މީރާގެ މަޤުސަދަކީ މިފަދަ ޚިދުމަތް ފޯރުކޮށްދޭ އިތުރު ފަރާތްތަކާއި ގުޅިގެން، މި ފަދަ ގިނަ ޚިދުމަތްތައް ތައާރަފުކުރުން ކަމަށާއި، މިގޮތުގެ މަތިން، ވަރަށް ފަހުން، މީރާ އާއި ދިރާގު ގުޅިގެން ވަނީ "ވާރުޕޭ " އިން "ދިރާގުޕޭ" މެދުވެރިކޮށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް ތައާރަފްކޮށްފައިވާ ކަމަށް މީރާ އިން ބުންޏެވެ.
ވާރުފޭ ޚިދުމަތް މެދުވެރިކޮށް ކުންފުނިތަކުގެ އަހަރީ ފީ އާއި، އެއްގަމު އުޅަނދު އަދި ކަނޑު އުޅަނދުގެ އަހަރީ ފީއާއި، ޓްރެފިކާގުޅޭ ގޮތުން ކުރާ ޖޫރިމަނާއާއި، މުދަލު ޒަކާތާއި، އެއަރޕޯޓް ސެކިއުރިޓީ ފާސް ޕޭމަންޓް އަދި މިނޫންވެސް ގިނަ ފައިސާ ދަނީ މީރާއަށް ބަލައިގަންނަމުންނެވެ. ވާރުޕޭގެ ޚިދުމަތަކީ މީރާގެ ވެބްސައިޓުން އަދި މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭ ޚިދުމަތެކެވެ.