ގެސްޓުހައުސް ވިޔަފާރީގެ ނަން "ބުޓީކް ހޮޓެލް"އަށް ބަދަލުކުރަން ނިންމާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިކަން އިއުލާންކޮށްފައި ވަނީ އިއްޔެ އޮންލައިންކޮށް ބޭއްވި "ރާސްތާ ވެބިނާ 2020" ގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އިބްރާހިމް ފަރުހާދު އެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ހުއްޓިފައިވާ އެއް މަސައްކަތަކީ ގެސްޓު ހައުސް ރެގިއުލޭޝަންގެ މަސައްކަތްތައް ކަމަށާއި، ގެސްޓު ހައުސް ގަވައިދުތައް އަލުން އެކުލަވައިލާއިރު ޒަމާނީ ފެންވަރުގެ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރާ ކަމަށެވެ.

ފަރުހާދު ވިދާޅުވީ ގެސްޓު ހައުސް ކީ ނަމަވެސް ގިނަ ތަންތަނުން ދެމުން އަންނަނީ ފައިވް ސްޓާ ފެންވަރު ނުވަތަ އެއައްވުރެ ރަނގަޅު ހިދުމަތްތަކެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ގެސްޓު ހައުސްގެ ނަން ބަދަލުވެ "ބުޓީކް ހޮޓެލްސް"ގެ ނަމަށް މި ވިޔަފާރި ބަދަލުވެގެން ދާނެ ކަމަށް ފަރުހާދު ވިދާޅުވިއެވެ. އަދި މިއީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ގެސްޓު ހައުސް މިކަން މި އުޅެނީ ރީބްރޭންޑް ކޮށްފައި ބުޓީކް ހޮޓެލްސް އަށް ބަދަލުކުރަން. މިކަން ވެގެންދާނީ ގެސްޓް ހައުސް ވިޔަފާރިއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށް" ފަރުހާދު ވިދާޅުވިއެވެ.

ގެސްޓު ހައުސްތައް އަލުން ހުޅުވާފައިވާކަން ފާހަގަކޮށް ފަރުހާދު ވިދާޅުވީ، ދެން އިތުރު ގެސްޓު ހައުސްތައް ހުޅުވެން އޮތީ އާންމުން ހޭލުންތެރިކޮށްގެން ކަމަށާއި، އެގޮތުން ގެސްޓު ހައުސްތައް ހުޅުވާ ރަށްރަށުގައި އުޅެން ޖެހެނީ މާސްކު އަޅައިގެން ކަމަށް ވާއިރު، ބައެއް ރަށްރަށުގެ ރައްޔިތުންނަށް މާސްކު އަޅައިގެން އުޅުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވާކަމަށެވެ.

ފަރުހާދު ވަނީ މާލީ ދަތިތައް ކުރިމަތިވެފައިވާ ގެސްޓުހައުސްތަކަށް އެކަމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަން ވެސް ހާމަކޮށްފައެވެ.