ކޮވިޑް-19ގެ ސަބަބުން ކ. ތުލުސްދޫގެ ގެސްޓްހައުސްތައް ބަންދުކުރިތާ އެތައް މަހެއް ފަހުން އެ ރަށް ޓޫރިސްޓުންނަށް ހުޅުވާލައިފިއެވެ.

ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ތުލުސްދޫ އަށް މިއަދު ދިޔައީ ދެ ފަތުރުވެރިންނެވެ. ދެ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ތުލުސްދޫގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންނެވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ތުލުސްދޫގައި ހުންނަ ތިން ގެސްޓްހައުސްއެއް ހިންގުމުގެ ހުއްދަ ވަނީ ދީފައެވެ.

ތުލުސްދޫ ފަތުރުވެރިންނަށް ހުޅުވާލުމާ ގުޅިގެން މިނިސްޓަރު މައުސޫމް ވަނީ މަރުހަބާ ދަންނަވައިފައެވެ.

ތުލުސްދޫގެ އިތުރުން ގިނަ ރަށްތަކެއްގައި މިހާރު އަންނަނީ ގެސްޓްހައުސްތައް ހުޅުވައި، ޓޫރިސްޓުންނަށް މަރުހަބާ ކިޔަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ފަތުރުވެރިންނަށް ހުޅުވާލާފައި ވަނީ ލޯކްލް ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއަރާފައިވާ ކ. މާފުށީގައެވެ.

ޓޫރިސްޓުން އައުމާ އެކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މިންގަނޑާ އެއްގޮތަށް އެ ރަށުގައި މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފައެވެ. އެގޮތުން އެ ރަށުގައި ދިރިއުޅޭ މީހުން ބޭރަށް ނުކުމެ އުޅޭ އިރު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ އާއި ރަށްރަށުގައި ހުރި ގެސްޓްހައުސްތައް ބަންދުކުރީ މިދިޔަ މާޗް 17 ވަނަ ދުވަހުއެވެ. ގެސްޓްހައުސްތައް ބަންދު ކުރި ނަމަވެސް، މީހުން ކަރަންޓީން ކުރުމަށާއި ކޮވިޑް-19 ޖެހޭ މީހުން ބޭތިއްބުމަށް ގެސްޓްހައުސްތައް ބޭނުން ކުރިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި 600 އަށްވުރެ ގިނަ ގެސްޓް ހައުސް އެބަހުއްޓެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ އެނދުގެ ނިސްބަތައް ބަލާނަމަ 20 ޕަސެންޓެވެ.

ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދޭނީ ކޮވިޑް19 ސޭފް ޕްލޭން އެކުލަވާލާ ގެސްޓްހައުސްތަކަށް އެކަންޏެވެ. އެ ޕްލޭން ބަލައި ހުއްދަ ދޭނީ ރަށު ކައުންސިލުން ގެސްޓްހައުސް އަށް ގޮސް، ޕްލޭނާ އެއްގޮތަށް ހުރިތޯ ޗެކް ކުރުމަށް ފަހު ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ނަމައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސފވަދފ

    ތިރަށުންވެސް ތި ފެންނަނީ ފަތުރުވެރިކަމަށް ވެއްޖިއްޔާ އެކަމާ ނުބޭހޭ އެހެން މީހުންގެ ދިރިއުޅުމަށްވެސް ދަތިތަކެއް ކުރިމަތި ކުރާތަން، ނޫންތަ؟

    1
    1