ކޮވިޑް-19 އާއި ގުޅިގެން ގައުމުތައް ބަންދު ކުރުމަށްފަހު އަލުން ހުޅުވާލަމުން ދާއިރު މިހާރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ރައްޔިތުން އެންމެ ދަތުރު ކުރަން ބޭނުންވާ ގައުމަކީ ދިވެހިރާއްޖެ ކަމަށް އެގައުމުގެ މަޝްހޫރު ޓްރެވަލް އެޖެންސީއަކުން ބުނެފިއެވެ.

ޔޫއޭއީގެ ޑީނަޓާ ޓްރެވަލްގެ ވެރިޔާ އެމިލީ ޖެންސިކްސް އެގައުމުގެ މީޑިއާ އަށް މައުލޫމާތު ދެމުން ވިދާޅުވީ ޖުލައި މަހު ރާއްޖެ ހުޅުވާލި ފަހުން ރާއްޖެ ޒިޔާރަތް ކުރި މީހުންގެ ތެރޭގައި ޔޫއޭއީ އިން ރާއްޖެ އަށް ދަތުރުކުރި މީހުން ވަރަށް ގިނަ ކަމަށާޢި އޭގެ އެއް ސަބަބަކީ ރާއްޖެ އަކީ ރައްކާތެރި ގައުމަކަށް ވެފައި ރާއްޖެ އަށް ދަތުރު ކުރުން ވަރަށް ބޮޑަށް ފަސޭހަ ވުމުން ކަމަށެވެ.

"ދުބާއީ އިން އެންމެ ހަތަރު ގަޑިއިރުގެ ދަތުރެއް ކޮށްފައި ރާއްޖެ އަށް އާދެވޭ. އެންމެ ހައި ސްޓޭންޑާޑްގައި ސިއްހީ ކަންކަމާއި އަދި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ކަންކަން އަންނަނީ ބެލެހެއްޓެމުން. ރާއްޖޭގައި ހުރީ ވަކިވަކި ރަށްތަކުގައި ރިސޯޓްތައް ހަދާފައި. އެއިން ރަށަކަށް ޒިޔާރަތް ކޮށްލުން އެއީ ކޮންމެ މީހަކު ވެސް ދެކޭނެ ހުވަފެނެއް." އެމިލީ ވިދާޅުވިއެވެ.

އެމިލީ ވިދާޅުވީ ރާއްޖޭގެ ރިސޯޓްތައް މިހާރު ހިންގަމުން ގެންދަނީ ލިމިޓެޑް ކެޕޭސިޓީގައި ކަމަށާއި އެއީ ވެސް ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވޭ ކަމެއް ކަމަށެވެ.

"އެއްވެސް ކަމަކާއި އިތުރަށް ވިސްނާކަށް ނުޖެހޭނެ. އެއާޕޯޓުން ރިސޯޓަށް ދިއުމުގެ ކަންކަން ވެސް ވަރަށް ރަނގަޅު. ޕީސީއާރް ޓެސްޓް ރިސޯޓްތަކުން ހެދޭނެ. އެހެންކަމުން ހުރިހާ ކަމެއް ވެސް ދަނީ ވަރަށް އޮމާންކޮށް." އެމިލީ އިތުރަށް ވިދާޅުވިއެވެ.

އެމިލީ ވިދާޅުވީ ކުރިއަށް އޮތް ދެއަހަރު ވެސް ޔޫއޭއީ މީހުންގެ މެދުގައި އެންމެ މަގުބޫލް މަންޒިލްތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭނެ ކަމަށާއި މިހާރު ވެސް މިއަހަރުގެ ބާކީ އޮތް ދުވަސްތަކަށާއި އަންނަ އަހަރު ރާއްޖެ އަށް އައުމަށް ވެސް ޔޫއޭއީގެ ގިނަ ބަޔަކު ބްކިން ހައްދަމުން އަންނަ ކަމަށެވެ.