ރާއްޖެއިންވެސް މިހާރު ފެނިފައިވާ ‏ކޮވިޑް-19 އާއިގުޅިގެން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ލޯންތަކަށް އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަމަޖައްސައިފިއެވެ.

އެސްޑީއެފްސީއަކީ މި ސަރުކާރުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް އިތުރަށް ފުޅާކޮށް ކުރިއެރުވުމުގެ ގޮތުން ލޯނު ދޫކުރުމަށް ގާއިމްކޮށްފައިވާ ބޭންކެކެވެ. މި ބޭންކުން ވަނީ ފުރަތަމަ އަހަރުގެ ތެރޭގައި 450 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.

އެސްޑީއެފްސީން ބުނީ، ރައްޔިތުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެގޮތުން ކައުންޓަރުންނާއި އީމެއިލް މެދުވެރިކޮށް ބަލައިގަންނަމުންދިޔަ ލޯނު އެޕްލިކޭޝަންތައް، އޮންލައިން ޕޯޓަލްމެދުވެރިކޮށް ހުށަހަޅާގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މިއާއެކު ކައުންޓަރުން އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅާ ލޯން އެޕްލިކޭޝަންތައް ބަލައިގަތުން ވަނީ ހުއްޓާލާފައެވެ.

އެޕްލިކޭޝަން ހުށަހެޅުމަށް އެ ކޯޕަރޭޝަނުގެ ވެބްސައިޓުގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނު އެޕްލިކޭޝަން ހުށަހެޅުމައްޓަކައި އީފާސް އެކައުންޓެއް ބޭނުންވާނެއެވެ. އީފާސް އަކީ ސަރުކާރު މުއައްސަސާތަކުން އޮންލައިންކޮށް ހިދުމަތް ހޯދުމަށް ބޭނުންކުރާ އެކައުންޓެކެވެ.

އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނު އެޕްލިކޭޝަން ކުރިއަށްދާގޮތުގެ ސްޓޭޓަސް ބަލާލެވޭނެއެވެ.

އެސްޑީއެފްސީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުމެވެ.