ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ފެއްޓެވި ހިޔާ މަޝްރޫގެެ ސަޕޯޓު ފެސިލިޓީ ގާއިމްކުރާނެ ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން އިއުލާންކޮށްފިއެވެެ.

އެޗްޑީސީ އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ހިޔާ މަޝްރޫގެ 7000 ފްލެޓަށް ބޭނުންވާ ސަޕޯޓް ފެސިލިޓީ ގާއިމްކުރާނެ ބަޔަކު ބޭނުންވާ ކަމަށެވެ. ސަޕޯޓް ފެސިލިޓީގެ ގޮތުގައި މި ފްލެޓަށް ވަންނަ މީހުންނަށް ބޭނުންވާ ބައެއް މުނިސިޕަލް ހިދުމަތްތަކާއި ޑޭކެއާ ސެންޓަރު ފަދަ ތަންތަން ގާއިމްކުރަން ބޭނުންވާ ކަމަށް އެ ކޯޕަރޭޝަން އިން ވަނީ ވިދާޅުވެފައެެވެ.

ހިޔާ މަޝްރޫގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 25 ބުރީގެ ހަތަރު ޓަވަރެއް ހަދާފައިވާ އިރު، މިއިން ކޮންމެ އިމާރާތެއްގައިވެސް ސަޕޯޓް ސާވިސް ހުންނާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ހިޔާ މަޝްރޫގެ ފްލެޓުތައް ހުންނަ ސަރަހައްދުގައި މީހުން އާބަދުވާން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ފިހާރަ، ބަސް ސްޓޮޕް އަދި އެހެނިގެން އާންމުންގެ ޒަރޫރީ ބޭނުމަށް ތަންތަން ގާއިމްކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މީގެ ކުރިން އެޗްޑީސީ އިން ވަނީ ހާމަކޮށްފައެވެެ.

އެގޮތުން އެ ސަރަހައްދުގައި ބަސް ސްޓޮޕް ގާއިމްކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާކަމަށް އެެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

ހިޔާ މަޝްރޫގެ ފްލެޓުތަކުގެެ މިފަދަ މަސައްކަތްތައް ނިންމައި އާންމުންނަށް އުޅެވޭނެހެން ހުޅުވާލެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ ފްބްރުއަރީ މަހުގެ ތެރޭގައި ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.