ރާއްޖެއަށް ޗުއްޓީ އަންނަ ފަރާތްތަކުން އެނބުރި ގައުމަށް ދިއުމަށްފަހު ކަރަންޓީންވާން ނުޖެހޭ ގޮތަށް، ގަތަރް އެއާވޭސް އިން "ޓްރެވެލް ބަބުލް ހޮލިޑޭޒް" ޕެކޭޖެއް ތާއާރަފް ކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރާނަމަ ކަރަންޓީންވާން ޖެހެއެވެ. ނަމަވެސް ގަތަރާއި ރައްޖެެ އާ ދެމެދު ޓްރެވެލް ބަބުލް ޕެކޭޖެއް މި ވަނީ ގާއިމްކޮށްފައެވެ. މިއި ގަތަރުން ޓްރެވެލް ބަބްލްއެއް ގާއިމް ކުރި ފުރަތަމަ ފަހަރެވެ. މި ޕެކޭޖަކީ އެގައުމުގެ ރައްޔިތުންނާއި އެގައުމުގައި ދިރިއުޅެމުން އަންނަ އެހެން ގައުމުތަކުގެ މީހުންނަށް ހާއްސަ ކޮށްފައިވާ ޕެކޭޖެކެވެ.

މި ޕެކޭޖުގެ ދަށުން ރާއްޖެއަށް ދަތުރު ކުރެވޭނީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ 7 ވަނަ ދުވަހާއި ހަމައަށެވެ.

ގަތަރު އެއާވޭޒް އިން ބުނީ، ގަތަރު އެއާވޭޒް ހޮލިޑޭޒް މެދުވެރިކޮށް ފްލައިޓް އަދި ހޮޓެލް ބުކް ކުރާ ފަރާތްތަކަށް، ރާއްޖޭގައި ޗުއްޓީ ހޭދަކޮށް ނިމިގެން އަނބުރާ ދޯހާއަށް ދިއުމަށްފަހު އައިސޮލޭޓް/ކަރަންޓީން ވާން ނުޖެހޭނެ ކަމަށެވެ. މި ޕެކޭޖުގެ ދަށުން ރާއްޖެ އަންނަ ފަތުރުވެރިން މަޑު ކުރުމަށް ހަމަ ޖެހިފައިވަނީ ސޭންޑީސް ބަތަލާ އަދި ޑައިމަންޑް ތުނޑުފުށި ރިސޯޓުގައެވެ.

ގަތަރުން ރާއްޖެ އަންނަ ފަރާތްތަކުން 72 ގަޑިއިރު ކުރިން ހަދާފައިވާ ކޮވިޑް-19ގެ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭނެއެވެ. އަދި ގަތަރުން އެމީހުން ފުރުމުގެ ކުރިން ދޯހާގެ އެއާޕޯޓުންވެސް އެމީހުން ޓެސްޓް ކުރާނެއެވެ. އަދި އަނބުރާ ދޯހާއަށް ދާއިރުވެސް ރެޕިޑް ޓެސްޓެއް ހަދާނެއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލުމަާއި އެކު ގިނަ އެއާލައިންތަކުން ވަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައެވެ. އޭގެ ތެރޭގައި އެންމެ ފުރަތަމަ ދަތުރު ފެށި އެއާލައިނަކަށް ގަތަރު އެއާވޭސް ހިމެނެއެވެ.

ގަތަރުން ރާއްޖެއާއި ދެމެދު ޓްރެވެލް ބަބުލް އެއް ގާއިމު ކޮށްފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާއާއި ރާއްޖެއާއި ދެމެދުވެސް ވަނީ ޓްރެވެލް ބަބުލް ގާއިމު ކޮށްފައެވެ.