ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގޮތުންނާއއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރިއަށްގެންދާ މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމުގެ ޕާޓްނަރުންނަށްވުމުގެ ފުރުސަތު މޯލްޑިވްސް އިމިގްރޭޝަނުން ހުޅުވާލައިފިއެވެ.

އިމިގްރޭޝަނުން ބުނީ، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފަތުރުވެރިންނަށް ހިދުމަތްދޭ ފެސިލިޓީތަކާއި އަދި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި އެހެން ވިޔަފާރިތަކަށްވެސް ބޯޑަރ މައިލްސް ޕްރޮގްރާމްގެ ޕާޓްނަރުންނަށްވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ވަނީ މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް އިމިގްރޭޝަނަށް އެކަން އެންގުމަށް އެދިފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހަޅާ ޕާޓްނަރުންގެ އަތުން ފީއެއް ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ސެޕްޓެންބަރުމަހުގެ 27 ވަނަ ދުވަހު ތައާރަފްކުރި މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްގެން ތަފާތު އިނާޔަތްތައް ލިބޭގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގައި ފާހަގަކުރާ ހާއްސަ މުނާސަބަތުތަކާއި ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންނަށް އިތުރު ޕޮއިންޓް ލިބޭގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. އިމިގްރޭޝަނުން ބުނީ، މި ޕްރިގްރާމްގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރާއިރު ރާއްޖޭގެ ސަގާފަތް ޕްރޮމޯޓްކުރުމެވެ.

މި ޕްރޮގްރާމްގެ ތިން ކެޓަގަރީއެއް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނޭ ބްރޮންޒް އަށް ދީފައިވާ ނަމަކީ "އައިދަ" އެވެ. ސިލްވަރ އަށް "އަންތަރަ"ގެ ނަމުން ނަން ދީފައިވާއިރު، ގޯލްޑް އަށް ކިޔަނީ "އަބާރަނަ" އެވެ.