ކޮވިޑް-19ގެ ސަބަބުން ކުދި ވިޔަފާރި ތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން މިހާތަނަށް 321 މިިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެސްޑީއެފްސީ މެދުވެރިކޮށް 1،929 ފަރާތަކަށް 321.9 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި ކުދި ވިޔަފާރިއާއި މެދު ފަންތީގެ 1،322 ވިޔަފާރިއަކަށް ދޫކޮށްފައިވާ 303.6 މިލިއަން ރުފިޔާއާއި އަމިއްލަ މަސައްކަތްކުރާ 607 ފަރާތަކަށް ދޫކޮށްފައިވާ 18.3 މިލިއަން ރުފިޔާ ހިމެނެއެވެ.

އަދި މީގެ އިތުރުން، އަމިއްލަ މަސައްކަތްކުރާ ކަނބަލުންނާއި ވިޔަފާރިތައް ހިންގާ ކަނބަލުންނަށްވެސް އެސްޑީއެފްސީން ވަނީ ލޯނު ދޫކޮށްފައެވެ. އެގޮތުން މިހާތަނަށް 559 ކަނބަލަކަށް 114.7 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.

އެސްޑީއެފްސީން ދޫކުރާ ރިކަވަރީ ލޯނު ސްކީމްގެ ދަށުން މިހާތަނަށް އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ މުދާ ވިއްކުމުގެ ވިޔަފާރި ކުރާ ފަރާތްތަކަށެވެ. ދެވަނަ އަށް އެންމެ ބޮޑު އަދަދަކަށް ލޯނު ދޫކޮށްފައިވަނީ އިމާރާތް ކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މުދާ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ 809 ފަރާތަކަށްވަނީ 193.6 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އިމާރާތް ކުރުމުގެ ސިނާއަތަށް 58.7 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި ފަތުރުވެރިކަމަށް 54.7 މިލިއަން ރުފިޔާވެސް ވަނީ ދޫކޮށްފައެވެ.

ކޮވިޑް-19 ގުޅިގެން އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް "ކޮވިޑް 19 ވިޔަފާރި އެހީ"ގެ ނަމުގައި ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެސްޑީއެފްސީ އިން ތައާރަފު ކުރި ލޯނު ސްކީމުގެ ދަށުން 500،000 ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރެ އެވެ.

މި ލޯނު ދޫކުރަނީ ހަ ޕަސެންޓު އިންޓްރެސްޓުގައި ގިނަވެގެން ތިން އަހަރުން ދައްކާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    ތިޔަ ލޯން ލިބުނު މީހުންގެ ނަން ތައް ހާމަ ކޮށް ބަލާށެވެ.

  2. ....

    ޢަހަރެން ލޯން ނުނަގަނީ ރިބާ (އިންޓްރެސްޓް) ހިމެނޭތީވެ...ކިތަންމެ ކުޑަކުރިޔަސް އެ ހުއްދަ އެއް ނުވޭ...އަހަރެންގެ ވާހަކައަކީ އަހަރެންނަކީވެސް ދިވެއްސެކޭ...އަހަރެންގެވެސް ހިއްސާ އެއް މިގައުމުގަ ވާނެޔޭ...އަހަރެން ނަށްވެސް ގޮތެއް ހޯދާދިނުމަށް އެހީތެރިވުން އެއީ ވެރިމީހާގެ ޒިންމާ އެކޭ...ދިވެހިންގެ ފައިސާއިން ދިވެހިންނަށް އެހީވާން ޖެހޭނީ ސަރުކާރަށް އޭގެން ފައިދާއެއް ލާފަ އެއްނޫންދޯ...މީ ލޮޖިކް ވެސް ހެކިވާނެ ކަމެއް...ސަރުކާރުގެ މާނާވެސް އޭރުން ގެއްލިގެންދާނެ...އެގޮތަކީ އަމިއްލަ މީހަކުވެސް ފައިދާވާގޮތަށް ވިޔަފާރިއެއްވެސް ފަށާދީފާނެ...ސަރުކާރުންވެސް ފައިދާ އެއް ވާ ގޮތަށް އެކަން ކޮށްދިނުމުން ކޮބާ ތަފާތެއް...މި އަށްވުރެ ރައްޔިތުންނަށް ފައިދާވެގެންދާނެ ވެރިކަން ހިންގުން އަމިއްލަ ކުންފުނިތަކާއި ހަވާލު ކުރިޔަސް...އެމީހުންވެސް ހިދުމަތްދޭނެ އޭގެ އަގުނަގާފަ...ސަރުކާރަކުން ރައްޔިތުންނަށް ކަންކަން ކޮށްދޭންޖެހޭ އުސޫލުން ކަންކަން ކޮށްދޭ އެއްވެސް ސަރުކާރެއް އަހަރެން އަދި ނުދެކެން...މިމީހުން ރައްޔިތުންނަށް ހެޔޮއެދިގެން އެއްވެސް ކަމެއް ނުކޮށްދޭނެ...އަމިއްލަ ކުންފުންޔަކާއި ހަވާލު ކުރިޔަސް ކަންކަން ކޮށްދޭނެ...އެއީ ހެޔޮއެދިގެނެއްނޫން....އެއީ އެމީހުން އޭގެން ފައިދާ ނެގުމަށް...މި ވެރިކަން ކުރުމުގެ ނިޒާމް ބަދަލުކޮށްގެން ނޫނީ ހެވެއް ނާންނާނެ...