މާލޭގެ ގެސްޓްހައުސްތައް ހުޅުވޭނެ ކަމަށް އުންމީދު ކުރެވެނީ އަންނަ މަހުގެ މެދުތެރޭގައި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިން ލަފާކޮށްފައި އޮތް ގޮތުން، މާލޭގެ ގެސްޓްހައުސްތައް ހުޅުވޭނީ މި މަހުގެ މެދުތެރޭގައެވެ. އެކަމަކު، ރާއްޖޭގެ ރަށްރަށުގެ ގެސްޓްހައުސްތައް ހުޅުވައި، ޓޫރިސްޓުންނަށް މިހާރު ދަނީ ހިދުމަތް ދެމުންނެވެ.

މިނިސްޓަރު މައުސޫމް "ވަގުތަށް" ވިދާޅުވީ މާލޭގެ ގެސްޓްހައުސްތައް ހުޅުވުން ފަސް ކުރަން ޖެހުނީ ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ފަހަކަށް އައިސް އިތުރުވަމުން އަންނާތީ ކަމަށެވެ.
ހާއްސަކޮށް، ފްލޫ ކްލިނިކްތަކުން ފައްސިވާ ރޭޓާއި ކްލަސްޓާއަކާ ނުގުޅޭ ވޭދަނަތައް އިތުރުވަމުން އަންނާތީ އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މާލޭގެ ގެސްޓްހައުސްތައް ހުޅުވެން އޮތީ މި ދަންނަވާ ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ ރޭޓާއި ކްލަސްޓައަކާ ނުގުޅޭ ކޭސްތައް ދަށް ކުރެވިގެން. އެކަމަކު، މި ފަހުން މި ފެނުނީ ވަރަށް ބޮޑަށް ކޭސްތައް މައްޗަށް ދާ ތަން،" މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވި ގޮތުގައި، ނޮވެމްބަރު މަހު ގެސްޓްހައުސްތައް ނުހުޅުވުން ކަމުގައި ވިޔަސް، އުންމީދަކީ ޑިސެމްބަރު މަހުގެ ތެރޭގައި މާލޭގެ ގެސްޓްހައުސްތައް ހުޅުވައި ހިދުމަތް ދިނުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، ރާއްޖެ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަނީ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހުއެވެ. އެއީ ޔޫރަޕްގެ ގައުމުތަކަށް ފިނި މޫސުމާ ކުރިމަތިލާން ޖެހޭ ދުވަސްވަރެވެ.

"އަޅުގަނޑަށް ހީވަނީ، ޔޫރަޕްގެ ގައުމުތައް ވެސް އެހާ އިރު އަންނަން ވާ އިރަށް، ލޮކްޑައުން ނިމުމަކަށް ގެނެސް ހުޅުވާލާނެ ކަމަށް،" މި އަހަރުގެ މެދުތެރޭގައި ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވި މައުސޫމް ވިދާޅުވިއެވެ.

ނަމަވެސް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލޭގެ ގެސްޓްހައުސްތައް ހުޅުވައި ހިދުމަތް ދެވޭނެ ވަކި ތާރީހެއް ކަނޑައަޅާފައި ނުވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެކަމަކު، ކުރިއަށް އޮތް ތަނުގައި ތާރީހެއް ވެސް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މާލޭގައި ފަހަކަށް އައިސް، ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވެފައިވާ އިރު، ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވީ، މިނިސްޓަރު ލަފާ ކުރެއްވި ގޮތުގައި މި ދުވަސްވަރަކީ ބަންދު ދުވަސްވަރަކަށް ވުމާއި ދިވެހިން ގައިދުރުކަމަށް ސަމާލު ކަން ދޭ މިންވަރު ކުޑަވެގެންނެވެ. އެހެންވެ، ދިވެހިން މިހާރަށް ވުރެ ބޮޑަށް ފަރުވާތެރިވާން ޖެހޭ ކަން މައުސޫމް ފާހަގަ ކުރެއްވިއެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް 12،000 އަށް ވުރެ ގިނަ މީހުން ފައްސިވެ، 45 މީހަކު ނިޔާވެފައިވެއެވެ. ރާއްޖެ އިއްޔެ އެކަނި ވެސް ކޮވިޑް-19 އަށް 94 މީހުންނެވެ. އޭގެ ތެރެއިން 49 މީހުން ފައްސިވީ މާލެ ސަރަހައްދުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށް ފަހު، ޖުލައި 15 ގައި ހުޅުވާލި ފަހުން ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ރާއްޖެ އަށް އަންނަން ފަށައިފައެވެ. އަދި ގިނަ އަދަދެއްގެ އެއާލައިންތަކުން ރާއްޖެ އަށް މިހާރު ދަތުރު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޭކްރޯޓީ ދަސްއާދުމީ

    ކަލޯ މައުސޫމްބެ ކޮބާ މިސަރުކާރު ހަމަ ބާރާބަރު ދޯ؟..އެއްވެސް މައްސަލައެއްނެތި ހަމަ ފުއްލާ ސްޕީޑުގަ ކުރިޔަށް ދަނީދޯ...އަދި ކޮވިޑް ނެތް ނަމަ ކޮންކޯޑް ސްޕީޑުގަ ވަޑއަގަންނަވާނީދޯ...ކޮއްކޯ އޯގާތެރި ވެރިއެއްގެ ފަހަތުގަ ހުންނަވައިގެން މަނިކުފާނަށްވެސް އޯގާތެރިވެ ބުރަކަށި ފުޅާއި ބޯފުޅުގަ ފިރުމާލަ ދެއްވުންވެސް އެއީ ހާދަ ބޮޑު ކުރިއެރުމެކޭ...ކުރިއަށް މެކުހައް ޖަހާލާ...އިބުރާހީމާއި ، މުހައްމަދާއި ގާސިމްބެއާއި ، ތޮއްތޮމްބެއާއި.، އިއްމަބެ ފަހަތުގައި މުޅިގައުއޮތީ....ވަރަށް ސަލާމް