ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު ދިވެހިރާއްޖެ އަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި ވާދަކުރާ އަދި އެފަދަ ބައެއް ޤައުމުތަކަށްވުރެވެސް މަތީ ހަރުފަތަކަށް އަރާފައިވާ ޤައުމެކެވެ. ގުދުރަތީގޮތުން ރާއްޖެ އުފެދުފައިވާ ގޮތަށް ބަލާލިއަސް އެކަން ފާހަގަ ވާނެއެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ދިވެހިރާއްޖެ އަކީ ބޭރު ޤައުމުތަކުގެ ބޮޑެތި ސެލެބްރިޓީން އާއި އިސްވެރިންވެސް ޗުއްޓީ ހޭދަކޮށްލަން އަންނަ ޤައުމެކެވެ. ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ފޯބްސް އިން އެކުލަވާލި ފަތުރުވެރިން އެންމެ ދާހިތްވާ 21 މަންޒިލުގެ ލިސްޓުގެ އެއްވަނައިގައި ދިވެހިރާއްޖެ ހިމެނިފައި ވުމުން އެއީ މި ވާހަކައަށް ލިބޭނެ އިތުރު ބާރެކެވެ.

މި އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ބޭރަށް ނުދެވި ބަންދުވެފައި ތިބި އެތައް ބަޔަކު ދުނިޔޭގެ ކަންކޮޅުތަކުގައި ތިބިއިރު އެފަދަ ގިނަ ފަރާތްތަކަކުން ޗުއްޓީ ހޭދަކޮށްލާ ހިތްހަމަ ޖައްސާލަން ދިއުމަށް ރާއްޖެ ހިޔާރުކުރުން އެއީ ހުރިހާ ދިވެހީންނަށްވެސް ލިބޭނެ އުފަލެކެވެ. ކޮވިޑަށް ވެކްސިނެއް އަންނަ އަހަރު ލިބޭނެ ކަމަށް އެކި ފަރާތްތަކުން ބުނަމުން ގެންދާއިރު ރާއްޖެ އައުމަށް އެތައް ފަތުރުވެރިއަކު ބުކިން ހަދާފައިވާކަމަށް ފޯބްސް އިން މައުލޫމާތު ދެއެވެ.

ޓްރެވެލް އެޖެންޓުންގެ އެހީތެރިކަމާއި އެކު ލިބިފައިވާ މައުލޫމާތަށް ބަލައި އެކުލަވާލާފައިވާ މި ލިސްޓުގައި އެންމެ ގިނަ ފަތުރުވެރިން 2021 ވަނަ އަހަރު ރާއްޖެ އަށް ޒިޔާރަތް ކުރަން ހަމަޖެހިފައިވާކަން ހާމަވެފައިވެއެވެ. އޮވޭޝަން ޓްރެވެލް ގުރޫޕުން ބުނީ ފަތުރުވެރިން ރާއްޖެ އަންނަން ބޭނުންވަނީ ސާފު ބިއްލޫރިގަނޑެއް ފަދަ ރީތި މޫދުތައް ދެކިލުމަށާއި ނަލަކޮށް ހެދިފައިވާ ރުއްތަކަށް ދެކިލުމަށާއި ހުދު ދޮންވެލިގަނޑެއް ފަދަ ރީތި ބީޗު ދެކިލުމަށް ކަމަށެވެ.

މޫސުމީގޮތުން ބަލާއިރުވެސް ރާއްޖޭގެ މާހައުލަކީ ފަތުރުވެރިން އެހާ ގަޔާވާ އަދި އަރާމު ކޮށްލަން އެންމެ ކަމުދާ އެއް ޤައުމަކަށް ގިނަ ފަތުރުވެރިން ފާހަގަ ކޮށްފައިވާއިރު ލޯބިވެރިން ޒިޔާރަތް ކޮށްލަން ވެސް މިއަށް ވުރެ ރަނގަޅު ތަނެއް ނޯންނާނެ ކަމަށް އޮވޭޝަން ޓްރެވެލް ގުރޫޕުން ބުނެއެވެ. އަދި ބައެއް ރިސޯޓުތަކުގެ ނަންތައްވެސް އެ ގުރޫޕުން ފާހަގަ ކޮށްފައިވާއިރު އޭގެ ތެރޭގައި ވޮލްޑޯފް އިތާފުށި ރިސޯޓު ހިމެނެއެވެ.

ފޯބްސް އިން އެކުލަވާލި ލިސްޓުގައި ދެން ހިމެނޭ މަންޒިލް ތަކުގެ ތެރޭގައި ސެރެންގެޓީ ތަންޒޭނިޔާ، ޕެރޫ، އަލަސްކާ، އިޓަލީ، ކެލިފޯނިޔާގެ ސޮނޮމޯ ކަންޓްރީ، ޖަޕާނުގެ ކިއޯޓޯ، ސައުތު އެފްރިކާގެ ގަންސްބާއި، ނިއުޒިލެންޑްގެ ކުއީންސް ލެންޑް ފަދަ ތަންތަން ހިމެނެ އެވެ. މިގޮތަށް 21 މަންޒިލެއް ލިސްޓުކޮށްފައިވާއިރު މިތަންތަނަށް ދިއުން އެންމެ ރަނގަޅީ އަންނަ އަހަރަށް ވާއިރު ކޮވިޑަށް ފަރުވާއެއް ހޯދި ކޮވިޑުގެ ނުރައްކާތެރިކަން ކުޑަވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު