އަންނަ ޑިސްމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކަޒަކިސްތާނުގެ އެއާާލައިނެއް ކަަމަށްވާ އެއާ އެސްޓާނާ އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެ ކަމަށް ބައިނަލް އަގްވާމީ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ބައިނަލްއަގްވާމީ ރިޕޯޓްތައް ބުނާގޮތުގައި، ޑިސެމްބަރު ފަސް ވަނަ ދުވަހުން ފެށިގެން އެއާލައިނުން ކޮންމެ ހަފްތާއަކު ދެ ދަތުރު ކުރާނެ އެވެ. އެއީ ބުދަ އަދި ހޮނިހިރު ދުވަހުއެވެ. އަދި ޑިސެމްބަރު 21 ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު ހޯމަ ދުވަހުވެސް އެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.\

މި އެއާލައިނުން ރާއްޖެ އާއި ކަޒަކިސްތާނުގެ އަލްމަޓީ ސިޓީއާ ދެމެދު ސީދާ ދަތުރުތައް ކުރާނެ އެވެ.

މި ދަތުރުތަކަށް ފުރަތަމަ ބޭނުން ކުރާނީ އެއާބަސް އޭ321އެލް އާރް އެއާ ކްރާފްޓެވެ. އެ ބޯޓުގައި 16 ބިޒްނަސް ކްލާސް ސީޓާއި، 150 އިކޮނޮމިކް ކްލާސް ސީޓު އިންނާނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ސީޒަނަަލް ހޮލިޑޭއާ ދިމާކޮށް، ޑިސެމްބަރު 16 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 16 ވަނަ ދުވަހުގެ ނިޔަލަށް އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކަށް ބޭނުން ކުރާނީ ވައިޑް ބޮޑީ ބޮއެންގ 767 އެއާ ކްރާފްޓެކެވެ.

އެހެންކަމުން އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަނުން އިތުުރުވެގެން ދާނެ ކަަމަށް ބެލެވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލީ ޖުލައި 15 ގައެވެ. އޭގެ ފަހުން ރާއްޖެއަށް ގިނަ އެއާލައިންތަކުން ވަނީ އަލުން ދަތުރުތައް ފަށާފައެވެ. އަދި މިހާރު ސީޒަނާއި ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައްވެސް ވަނީ މިހާރު ވަަރަށް ބޮޑަށް އިތުރުވާން ފަށަފަައެވެ.