އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މޯލްޑިވިއަން އިން ހޯރަފުށި އެއަރޕޯޓަށް ދަތުރުތައް ފަށާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

މި ސަރުކާރުން ތަރައްގީ ކުރި އެ އެއަރޕޯޓް ރަސްމީކޮށް ހުޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ، ފުރަތަމަ ޝެޑިއުލް ދަތުރު ނޮވެމްބަރު 26 ވަނަ ދުވަހު ބާއްވާނެ ކަމަށާއި، އޭގެ ފަހުން ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ހަފްތާއަކު ތިން ދަތުރު ބާއްވާނެ ކަމަށެވެ.

އެ އެއާޕޯޓުގައި 37،425 އަކަ މީޓަރުގެ ރަންވޭއެއް ވަނީ އަޅައިފައެވެ. އަދި މަޝްރޫއުގެ ތެރެެއިން 8،635 މީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އަޅާފައިވާއިރު، ޓާމިނަލްގެ ކުރިމަތީ ސަވިސް ރޯޑު ގާއިމްކޮށްފައި ވެއެވެ. އަދި ޕަސެންޖަ ޓަރމިނަލްއަކާއި ފަޔަރ ބިލްޑިން އިމާރާތެއް ވެސް ގާއިމްކޮށްފައި ވެއެވެ.

އެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތަށް ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.