ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު 65 ބެޓަރީ ފުރޮޅުލީ ގޮނޑި (މޮޓޮރައިޒްޑް ވީލް ޗެއަރ) ހަދިޔާ ކުރުމަށް ނިންމައިފިއެވެ.

ބީއެމްެއެލް އިން ބުނީ، ބޭންކުން 2017 ވަނަ އަހަރު ފެށި މި ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް މިފަދަ ވީލްޗެއަރ ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއަރ އެއް ހަދިޔާ ކުރުން ކަމަށެވެ.

އަދި މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 100 އަށް ވުރެ ގިނަ ވީލްޗެއަރ ހަދިޔާ ކުރެވި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވެދީފަައިވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިފަދަ ހާއްސަ މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކުރެވި، އެތަކެއް އާންމު ފަރުދުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އެހީތެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް ކަމަށެވެ.

"އަަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ގިނަ ފަރުދުންނަށް ވީލްޗެއަރ ހަދިޔާކޮށް، އެފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރުމަށް ފުރުސަތު ހޯދައިދިނުން. މިފަދަ ދަތި އުދަނގޫ ދަނޑިވަޅެއްގައިވެސް ވީލްޗެއަރ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން.". ސޯޔަރ ވިދާޅުވިއެވެ.

ބޭންކުގެ އަމާޒަކީ މިއަހަރު ތެރޭގައި 39 ރަށަކަށް 65 މޮޓޮރައިޒްޑް ވީލް ޗެއަރ ހަދިޔާކުރުމެވެ. މި 65 ވީލްޗެއަރ އާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 140 އަށް ވުރެ ގިނަ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖުހާ

    ،ކީއްވެބާ އެހެން ކުންފުނިތަކުން މިފަދަ ނަމޫނާ ނުދައްކަނީ؟ ސުކުރިއްޔާ ބީއެމްއެލް.

    3
    1
  2. ގެރި

    ތި ބަހަނީ ކީއްކުރަންތަ ނަން ރީތިކުރަން. މަގޭ ވިސާކާޑުން ދެބުރު ކާލި ލާރި އަދިވެސް ނުލިބޭ

  3. ދަޅުފެޅި ޖަނަވާރު

    މަށަށް ރަނގަޅީ ބީއެމްއެލް ފައިދާ ދަށަށް ގޮސް ވިޔަފާރި ދަށަށް ދިއައްޔާ.. އަދިވެސް މަގޭއަތުން ކާލި ރުފިޔާ ރިވާސް ނުވޭ. ފުރޮޅީ ގޮނޑިއެއްވެސް ނޫން ކަލޭމެން ބަހަންވީކީ. މިތާ މެނޭޖިން ޑިރެކްޓަރު ޖެހޭ މާފަށް އެދެން ހުރިހާ ކަސްޓަމަރުންނަށް