ރާއްޖޭގެ ފަތުރުވެރިކަން އެންމެ ރަނގަޅުވާ ދުވަސްވަރާއި ދިމާކޮށް 110 ގެސްޓު ހައުސް އެއް ހިންގުމުގެ ހުއްދަ ދީފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

އެމިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 110 ގެސްޓު ހައުސްއެއް ހިންގުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ. ގެސްޓު ހައުސްތައް ހިންގުމުގެ ހުއްދަ ދީފައިވާ އަތޮޅުތަކުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މިހާތަނަށް ހުއްދަ ދޫކޮށްފައި ވަނީ ކ.އަތޮޅަށެވެ.

މިހާތަނަށް 110 ގެސްޓު ހައުސް އެއް ހިންގުމަށް ހުއްދަ ދީފައިވާއިރު މިއީ 2،202 އެނދުގެ ޖާގަ ކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ރާއްޖޭގައި ގެސްޓު ހައުސްތައް ގާތްގަނޑަކަށް 10،000 އެނދުގެ ޖާގައިގައި މީގެ ކުރިން ހިންގިއެވެ. ފަތުރުވެރިކަމުން ރާއްޖެއަށް ވަންންނަ އާމްދަނީގެ 10 އިންސައްތަ އަކީ ގެސްޓު ހައުސްތައް ކަމަށް އެ މިނިސްޓްރީން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

މިއާއި އެކު ރާއްޖޭގެ ފަތުރުވެރިކަން ވެސް ރަނގަޅުވަމުން އަންނަ ކަމަށް އެމިނިސްޓްރީ އިން ވަނީ ހާމަކޮށްފައެެވެ. އެންމެ ފުރަތަމަ ބޯޑަރު ހުޅުވާލި ހިސާބުން ދުވާލަކަށް އެވްރެޖްކޮށް 100 ފަތުރުވެރިން އަންނަމުން ދިޔަ އިރު މިހާރު މި އަދު އިތުރުވެ ވަނީ އެވްރެޖް އަދަދު 1000 އަށްވުރެ އިތުރުވެފައެެވެ.

މިއަހަރުގެ މާޗް މަހު ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅީގެން ބޯޑަރު ބަންދުކުރި އިރު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 382،847 ފަތުރުވެރިންނެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި 15 ވަނަ ދުވަހު ހުޅުވާލިއިރު، އެ މަހު އައީ 1701 ފަތުވެރިންނެވެ. ޖެހިގެން އައި އޮގަސްޓް މަހު 7628 ފަތުރުވެރިން ރާއްޖެ އައިއިރު، ސެޕްޓެމްބަރު މަހު އައިސްފައި ވަނީ 9538 ފަތުރުވެރިންނެވެ. އޮކްޓޯބަރު މަހު ވަނީ ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އެ މަހުގެ ތެރޭގައި އެކަނިވެސް 21،515 މީހުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ މިހާތަނަށް މިދިޔަ މަހު ޖުމްލަ ޒިޔާރަތްކުރި އަދަދަށްވުރެ އިތުރަށް ރާއްޖެއަށް ވަނީ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިމަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރީ 22،119 ފަތުރުވެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    ހައި ސީސަން އަޔަސް ގެސްޓު ހައުސް ތަ ކަށް ގެސްޓުން ލިބޭ ވަރު މަދޭ! 5 މީހުންގެ ފެމިލީ އަ ކަށް ޕީސީއާރު ޓެސްޓަ ކަށް 500 ޑޮލަރު. ކކ5 ތަރި ރިސޯޓް ތަށް މިވަގުތު ރޭޓް ތަށް 80 ޑޮލަރަށް ވުރެ ތިރީގަ. މީ ހަމަ ހެޔޮވަރު؟