އަންހެނުންނަށް ކުރާ އަނިޔާ އާ ދެކޮޅަށް ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅުވައިގެން ބީއެމްއެލް އިން ފެމިލީ ލީގަލް ކްލިނިކް( އެފްއެލްސީ) އަށް 50،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

މިއީ އެ ޖަމިއްޔާގެ ފަރާތުން ކުރިޔަށް ގެންދާ ލީގަލް އެއިޑް ޕްރޮގްރާމުގެ ދަށުން ގާނޫނީ ލަފާ ބޭނުންވާ ފަރާތްތަކަށް އެހީވުމަށާއި އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ދެވުނު މާލީ އެހީއެކެވެ.

މިއަދު ހެނދުނު ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވުނު ކުޑަ ހަފްލާއެއްގައި އެޖަމިއްޔާއާ މި އެހީ ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރއެވެ. އެ ޖަމިއްޔާގެ ފަރާތުން ހަވާލުވެވަޑައިގަތީ ކޯ ޗެއަރޕާސަން ޝަފީޢާ ރިޟާ އެވެ. އަންހެނުން ކުރިމަތިވާ އަނިޔާ އާ ދެކޮޅަށް ފެމިލީ ލީގަލް ކްލިނިކްގެ ފަރާތުން މެދުކެނޑުމެއް ނެތި މިވޭތުވެދިޔަ ހަ އަހަރު ކުރައްވަމުން ގެންދަވާ މަސައްކަތައް ފާހަގަކުރައްވައި ޓިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފެމިލީ ލީގަލް ކްލިނިކް އިން މި އެހީ ބޭނުން ކުރަން ހަމަޖެހިފައިވަނީ ގާނޫނީ އެހީ ހިލޭ ބޭނުންވާ ފަރާތްތަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށާއި އެ ޖަމިއްޔާއިން ކުރަމުންދާ ގާނޫނީ އެހީ އާ ގުޅޭ މައުލޫމާތު ވީހާވެސް ބޮޑަށް އާންމުންނާ ހަމަޔަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށެވެ. އަދި މީގެ އިތުރުން އެ ޖަމިއްޔާއިން ހިންގާ ލީގަލް އެއިޑް ޕްރޮގްރާމްގެ ތަފާސް ހިސާބުތައް ބެލެހެއްޓުމަށްވެސް މި އެހީ ބޭނުންކުރެވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު