ގދ. ތިނަދޫ އަދި އައްޑޫ ސިޓީއާ އާދެމެދު ފެށުމަށް ނިންމި އިންޓަނޭޝަނަލް ކާގޯ ފެރީގެ ހިދުމަތް ފަށައިފިއެވެ.

އެ ދަތުރު ފަށާފައިވާ ކަމަށް އެސްޓީއޯގެ ޝިޕިންގ ކުންފުނިކަމަށްވާ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކުންފުނިން ރޭ ވަނީ ބުނެފައެވެ.

އެ ކުންފުނިން ރޭ ކުރި ޓްވީޓެއްގައި ވަނީ، އެ ކުންފުނީގެ ޝިޕިން ބޯޓު އެމްވީ ބޮންތި 2 އިންޑިއާގެ ސޫތުކުޅިއަށް ދިއުމަށް ފުރާފައިވާ ކަމަށެވެ. އަދި އެ ބޯޓު އެތަނުން އައްޑޫ އާއި ތިނަދޫއަށް ދާނެ ކަމަށް ބުނެފައި ވެއެެވެ.

އެހެންކަމުން ކާގޯ ބުކިންގއަށް 7309700 އަށް ގުޅުމަށް ވަނީ އެދިފައެވެ.

އިންޓަނޭޝަނަލް ކާގޯ ފެރީގެ ހިދުމަތް ހުވަދު އަތޮޅަށާއި، އައްޑޫއަށް ދަތުރު ފަށަން ތައްޔާރުވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އިއުލާނު ކުރެއްވީ ނޮވެމްބަރު 19 ވަނަ ދުވަހު އެވެ.

ކާގޯ ފެރީގެ ހިދުމަތް ކުރިއަށްދާނީ އިންޑިޔާގެ ޓުޓިކޮރިން ބަނދަރުން އައްޑޫސިޓީއަށާއި ގދ.ތިނަދޫ އަށެވެ.

ސަރުކާރުން ހާމަކޮށްފައިވާގޮތުގައި، މި ދަތުރުތައް ޝެޑިއުލްކުރެވިފައި ވަނީ ކޮންމެ 20 ދުވަހަކުން ރައުންޑު ވޮރޭޖްއެއް ފުރިހަމަވާގޮތަށް އިންޑިއާގެ ޓުޓިކޮރިން ބަދަރުން އައްޑޫސިޓީއަށް، އައްޑޫ ސިޓީން ތިނަދޫއަށް ތިނަދޫން އަނެއްކާ އިންޑިޔާގެ ޓުޓޮކޮރިން ބަނދަރަށް ދާގޮތަށެވެ.