ރަމަޞާން މަސް ފެށުނު އިރު ދަތުރުވެރިންގެ މާރުކޭޓުގައި އެންމެ ބޮޑަށް އަގު އަރައިގެން ދިޔައީ ފަތުގެ ބާވަތްތަކާއި މިރުހާއި ކަރާގެ އަގެވެ. ނަމަވެސް ރޯދަމަހުން 11 ދުވަސް ފާއިތުވީއިރު ބޮޑުތަނުން އުފުލުނު ތަކެތީގެ އަގު މިވަނީ ތިރިވެފައެވެ.

އެގޮތުން އެެންމެ ފާހަގަކޮށްލެވެނީ އުފުލުނު މިރުހުގެ އަގަށް އައި ބޮޑު ބަދަލެވެ. ރަމަޞާން މަސް ފެށުން އިރު 400- 700 ރުފިޔާއަށް ހުރި މިރުސް ކިލޯ މިއަދު ބާޒާރުގައި ލިބެން ހުރީ 300-450 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.

އަދި ރޯދަމަހުގެ ފުރަތަމަ ދުވަހު 35 ރުފިޔާއަށް ވިއްކި ކަރާ ކިލޯ މިއަދު ހުރީ 20 -25 ރުފިޔާއަށެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ރޯދަމަހާއި ދިމާކޮށް އެންމެ ބޮޑަށް އަގު އުފުލުނު އެެއްބާވަތަކީ ފަތެވެ.

އެގޮތުން އިއްޔެއާއި ޖެހެންދެން 165- 170 ރުފިޔާއާއި ދެމެދުގައި ވިއްކަމުން ދިޔަ ލެޓިއުސް ކިލޯ މިއަދު ލިބެން ހުރީ 150 ރުފިޔާއަށެވެ. އަދި ކުރިން 65-70 ރުފިޔާއަށް ވިއްކި ކެބެޖު ކިލޯ މިއަދު ބާޒާރުގައި ލިބެން ހުރީ 45 ރުފިޔާއަށެވެ. އަދި ކޮޕީފަތް ބޮޑިއެއް ކުރިން 25 ރުފިޔާއަށް ލިބުން ނަމަވެސް މިއަދު އެވެސް ވަނީ 19 ރުފިޔާއަށް ވެއްޓިފައެވެ.

ފަތުގެ ބާވަތްތަކުގެ އަގުތަށް މިހާބޮޑަށް ދަށްވާން މެދުވެރިވި ސަބަބެއް ކަމުގައި ގިނަ ވިޔަފާރިވެރިން ދެކެނީ ފަތް ލިބޭލެއް ގިނަވުމުންނެވެ.

" މި ދޭތެރެއިން ފަތް ލިބުމުގައި ކޮންމެވެސް ކަހަލަގެ ދަތިކަމެއް ހުރި އަތޮޅު ތެރެއިން ގެންނަން ޖެހޭ ކޮފީ ފަތާއި އެނޫންވެސް ތަކެތި. މިއަދު ފަތް މި ލިބުނީ. އެެހެންވެ އަގުތަށް މި ހުރީ ދަށްވެފަ. ރޭގަވެސް ފަތުގެ އަގު ހުރީ ހަމަ މަތީގަ" ވިޔަފާރިވެރިއަކު " ވަގުތު" އާއި ވާހަކަ ދައްކަމުން ބުންޏެވެ.

އެހެނިހެން ބާވަތްތައް

ކެރޮޓް : 25ރ ކިލޯ

ބަށި : 50ރ ކިލޯ

ލުނބޯ : 40-45ރ ކިލޯ

ކިޔުކަންބާ :35ރ ކިލޯ

ފަޅޯ :30ރ ކިލޯ

ކުރުނބާ : 30-50 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައި

ކާށި : 5 -7 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައި

އަނބު : 100 ރުފިޔާއަށް 10 އަނބުގެ ބައެއް

ބަނބުކެޔޮ : 80 ރުފިޔާ