އޭޝިއާގައި އެންމެ މަޝްހޫރު ކޮފީ ޝޮޕްތަކުގެ ތެރޭގައި ރާއްޖޭގެ "މެރާކީ ކޮފީ ރޯސްޓަ" ހިމެނިއްޖެއެވެ.

ޕޯސްޓަލް ބިލްޑިން ކައިރީގައި ހުންނަ މެރާކީ ކޮފީ ރޯސްޓައަކީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ކެފޭއެކެވެ. އަދި އެއީ ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ ކޮމާޝަލް ކޮފީ ރޯސްޓަ ވެސް މެއެވެ. އެއީ ރާއްޖޭގައި ހުޅުވި އެންމެ ތަފާތު ކޮފީ ރޯސްޓައެވެ.

ގިނަ ޒުވާނުންތަކެއްގެ ލޯބި ހޯދާފައިވާ މެރާކީ އޮތީ "ބިގް ސެވަން ޓްރެވަލް" އިން އެކުލަވާލި އޭޝިއާ ލިސްޓްގެ 50 ތަނުގެ ތެރެއިން 25 ވަނައިގައެވެ.

ބިގް ސެވަން ޓްރެވަލް އިން ކޮފީ ޝޮޕްތަކަށް ވަނަތައް ދަނީ އެ ތަންތަނަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި ސާވޭއެއްކޮށްގެންނާއި އެޑިޓޯރިއަލް ޓީމްގެ ރިވިއުތަކަށް ބިނާކޮށެވެ. ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ހިންގަވާ މެރާކީއާ ބެހޭ ގޮތުން އެ ތަނުން ބުނީ އެއީ ރާއްޖޭގައި ހުރި ޓޮޕް އެންޑް އޮރިޖިނަލް ސްޕެޝަލިޓީ ކޮފީ ރޯސްޓަ ކަމަށެވެ. އަދި އެމީހުން ކޮފީ ރޯސްޓު ކުރަނީ އެތަނުގައި ކަމަށާއި ކޮފީ މެނޫ ގަވައިދުން ބަދަލުކުރާ ކަމަށް ބުނެފައިވެއެވެ. އަދި މެރާކީގެ އިންޓީރިއާ މަސައްކަތަށް ވެސް އެމީހުން ތައުރީފް ކުރިއެވެ.

ސާކް ގައުމުތަކުގެ ތެރެއިން މި ލިސްޓްގައި ދެން ހިމެނެނީ ސްރީ ލަންކާގެ ދެ ތަނާއި އިންޑިއާގެ ތިން ތަނެވެ. ރާއްޖެ އާއި ސްރީ ލަންކާ އާއި އިންޑިއާ ފިޔަވައި ސާކްގެ އިތުރު ގައުމަކަށް މި ލިސްޓުން ޖާގައެއް ލިބިފައެއް ނުވެއެވެ.

އޭގެ ތެރެއިން ލަންކާގެ ދެ ތަން ރާއްޖެ އަށް ވުރެ ދަށެވެ. އިންޑިއާގެ ދެ ތަނެއް އޮތީ ރާއްޖެ އަށް ވުރެ ކުރީގައެވެ.

މި ލިސްޓުގެ އެއް ވަނައިގައި އޮތީ ޓައިވާންގައި ހުންނަ "ސިމްޕަލް ކަފާ" ނަމަކަށް ކިޔާ ކޮފީ ޝޮޕެކެވެ. ދެ ވަނައިގައި ޖަޕާންގެ "މެލް ކޮފީ ރޯސްޓަ" ނަމަކަށް ކިޔާ ތަނެއް އޮތް އިރު ތިން ވަނަ ލިބެނީ ދެކުނު ކޮރެއާގެ "އަންތްރެސައިޓް ކޮފީ" އަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަމްސިއްޔާ

    ތިޔައީ އެއްވެސް ބޯހަަމަ ޖެހޭ ވަނަ އެއްނޫން.

    6
    3
  2. ކޮތަރު

    އެތަނަށް ވަންނަނީ ލާދީނީ ގްރޫޕް ވީމަ ތިކަލަހަ ވަނައެއް ލިބިދާނެ. ޚާއްޞަކޮށް ލ.ޖ.ބ.ޓ ގްރޫޕް.

  3. ފައްލަންބޭ

    !! ތިއީ އެއްކަލަ މަބްރޫކް ކިޔާ މީހާގެ ތަންތަ؟!

  4. ޖާވިދު

    މި ރާއްޖޭގެވެރިކަމަށް ގެެންނަން އެންމެ ރަނގަޅު 10 މީހުންގެ ތެރޭގަ މަބުރޫކު ހިމެނޭނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރަން،

    އިބޫއަށް ވުރެ އެތައް ގޮތަކުން އެތައް ތަނެއް ރަނގަޅުވާނެެ.