ދުނިޔޭގެ އެންމެ ބޮޑު އެއާލައިންތަކުގެ ތެރޭގައި ހިމެނޭ ގަތަރު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.

މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ޤަތަރު އެއާވޭސް އިން ކުރަމުން ދިޔަ ދަތުރުތައް މެދުކަނޑާލިއެވެ. ނަމަވެސް ފަހުން ގައުމުތަކުގެ ބޯޑަރު ހުޅުވާލުމާއެކު އަލުން ދަތުރުތައް ފެށިއެވެ. އަދި ރާއްޖޭގެެ ބޯޑަރު ފަތުރުވެރިކަމަށް ހުޅުވާތިތާ 15 ދުވަސް ފަހުން ޖުލައި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ގަތަރު އެއާލައިނުން ރާއްޖެއަށް ދަތުރު ފެށިއެވެ.

އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމާފައި ވާއިރު، މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ، 300-777 މަރުކާގެ ދެ ބޯޓަކާއި 8-787 މަރުކާގެ އެއް ބޯޓެވެ.

އަންނަ މަހުން ފެށިގެެން ކޮންމެ ދުވާލަކަށް ތިން ފްލައިޓު ގަތަރު އެއާލައިނުން ބާއްވާނެ އެވެ.

ގަތަރު އެއާލައިނުން މީގެ ކުރިން ވެސް ރާއްޖެއަށް އެވްރެޖުކޮށް ދުވާލަކު ތިން ފްލައިޓު ބާއްވައެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލުމާއި އެކު ގިނަ އެއާލައިންތަކުން ވަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައެވެ. އޭގެ ތެރޭގައި އެންމެ ފުރަތަމަ ދަތުރު ފެށި އެއާލައިނަކަށް ގަތަރު އެއާވޭސް ހިމެނެއެވެ.

ގަތަރުން ރާއްޖެއާއި ދެމެދު ޓްރެވެލް ބަބުލް އެއް ގާއިމު ކޮށްފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާއާއި ރާއްޖެއާއި ދެމެދުވެސް ވަނީ ޓްރެވެލް ބަބުލް ގާއިމު ކޮށްފައެވެ.

މިހާރު ރާއްޖޭގެ ފަތުރުވެެރިކަމުގެ ހާލަތު އަންނަނީ މަޑުމަޑުން ރަނގަޅު ވަމުންނެވެ. ބޯޑަރު ހުޅުވި ފަހުން ރާއްޖެއައ ފަތުރިންގެ އަދަދު 60،000 އަށްވުރެ މައްޗަށް އަރާފައިވާއިރު، މި އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް އެއް ލައްކަ ފަތުރުވެެރިން އަންނާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީ އިން ލަފާކުރެއެވެ.