ކ.ތިލަފުށީގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ޤާއިމްކުރެވޭ މެޑިކަލް ކްލިނިކް ހިންގާނެ ފަރާތެއް ހޯދަން އަނެއްކާވެސް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން އިއުލާންކޮށްފިއެވެ.

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަކީ ތިލަފުށީ ކޯޕަރޭޝަނާއި ގުޅީފަޅު އިންވެސްޓްމަންޓް އެއްކޮށްލައިގެން ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެކެވެ.

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނަނީ މި މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް (ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ) ގައި ކަމަށެވެ.

އަދި ބިޑު ހުށަހެޅުމާއި ބިޑު ހުޅުވުން އޮންނާނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް (ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ) ގައެވެ.

ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެއް ކަމަށާއި ހުށަހަޅައިފައިވާ ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު އެ ކުންފުންޏަށް ލިބިގެންވާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށް ކަމަށާއި ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައި ކަމަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ޑިޕާރޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކުންފުނިން އެދެއެވެ.