އެމިރޭޓްސް އިން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އެމިރޭޓްސް އިން ރާއްޖެ އާއި ދުބާއީ އާ ދެމެދު ދުވާލަކު ތިން ފްލައިޓަށް އިތުރުކޮށްފައިވާ ކަމަށެވެ. މީގެކުރިން ދުވާލަކު ދެ ދަތުރު ރާއްޖެ އާއި ދުބާއީއާ ދެމެދު ކުރެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު، ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން އުފުލާފައި ވަނީ އެމެރިޓޭސް އިންނެވެ. ބޯޑަރު ހުޅުވާލުމަށްފަހު ރާއްޖެ އަށް ދަތުރުފެށި ދެ ވަނަ އެއާލައިނަކީ އެމިރޭޓްސްއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ފަހުން، މިދިޔަ ހަފްތާގެ ނިޔަލަށް އެމިރޭޓްސް އިން 29،175 ފަސިންޖަރުން ރާއްޖެ އަށް އައިސްފައިވެއެވެ. އެއީ 316 ފްލައިޓު މޫވްމަންޓެވެ.

ދެ ވަނަ އަށް އެންމެ ގިނަ ފަސިންޖަރުން އުފުލީ ގަތަރު އެއާވޭސް އިންނެވެ. ގަތަރު އެއާވޭސް އިން 23،515 ފަސިންޖަރުން ރާއްޖެ ގެނައި އިރު އެއީ 292 ފްލައިޓު މޫވްމަންޓެވެ. ތިން ވަނަ އަށް އެންމެ ގިނަ ފަސިންޖަރުން ގެނައީ އެއިރޯފްލޮޓް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދު

    އިމިގްރޭޝަން މުވައްޒަފުން އިތުރުކޮށް ގެސްޓުންނަށް އަވަހަށް ނިކުމެވޭގޮތް ހަދަނީ ކޮންދުވަހަކު! ލަސްކަމުން ބޯހަލާކު! އެތައްގަޑި އިތު ދަތުރަކަށްފަހު 4 ނުވަތަ 5 ގަޑިއިރު ކިއުގައި!!! ސަޅިއެއްނޫން!!!